ޑރ. މުހައްމަދު މުއިއްޒު

އިގްތިސާދީ އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފިން: ރައީސް

ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ހަވާސާގައި ރާއްޖޭގެ ތިމާވެށީގެ މިނިސްޓްރީން ކުރިއަށް ގެންދިޔަ "ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓަ ފައިނޭންސިން ފޯ ކްލައިމެޓް ރިޒިލިއެންސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދު ސިންދަފާތު ކުރުމާ ދިމާލަށް ރާއްޖެއިން މިސްރާބު ޖަހާ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އިންވެސްޓްމަންޓުގެ ގޮތުގައި އެއާޕޯޓުތައް ފަދަ ބިނާރުތަކާއި ސިއްހީ ވަސީލަތްތަކާއި މުވާސަލާތާއި ރިއަލް އެސްޓޭޓާއި ޓްރާންސް ޝިޕްމަންޓް ބަނދަރުތަކަކީ މިކަމުގެ ނާރެސް ކަމުގައި ވިދާޅުވި އެވެ.

"އިގްތިސާދީ ކުރިއެރުމާއި މީހުން ކުރިއަރައި ދިއުމަށް ބޭނުންވާނެ ވަސީލަތްތަކަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތަރައްގީކުރާ ރަސްމާލެ ވެގެންދާނީ ޒަމާނީ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ރައްކާތެރި މާހައުލަކަށް ކަމަށެވެ. އެގޮތުން ރަސްމާލެއާ އެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަމާޒު ހިފާފައިވާއިރު، އިގްތިސާދީ ތަނަވަސް ކަމަށް ދޮރުތައް ހުޅުވި، ތަނަވަސްކަމާ އެކު ތަރައްގީގެ ފޮނިމީރުކަން އެންމެން ޝާމިލުވާހެން ލިބި، ދިރިއުޅުމުގެ ފަސޭހަތަކަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، ކާނާގެ ޔަގީންކަން ބޮޑުކުރުމަށްޓަކައި ރާއްޖެއިން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުސަތުތައް ހޯދަމުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މިގޮތުން ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށެވެ. އިގްތިސާދު ސިންދަފާތު ކުރެވޭނީ ވިޔަފާރީގެ އާންމު އުސޫލުތައް އަލުން މުރާޖައާ ކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

"މިކަމަށްޓަކައި ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމުކުރަންޖެހޭ. އަމިއްލަ ވިޔަފާރީގެ ދާއިރާއިން ތަރައްގީއަށް އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ތަޖުރިބާއާ، އީޖާދީ ވިސްނުމާއި ގާބިލުކަމުގެ ގޮތުން ގެނެސްދޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވާހަކަފުޅު ނިންމަވާލެއްވީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ދަތުރުގައި ބައިނަލްއަގްވާމީ މުޖުތަމައުން ބައިވެރިވެ، ވަކިވަކި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ތަރައްގީގެ ހުރަސްތަކަށް އެދެވޭ ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.