ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހާއްސަ ކޮމިޓީއެއް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހާއްސަ ކޮމިޓީއެއް ހިމެނުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ބައެއް މެންބަރުން މިއަދު އަވަސްއަށް ވިދާޅުވީ އެފަދަ ކޮމިޓީއެއް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނުމަށް ގިނަ މެންބަރުން ބޭނުންވާ ކަމަށެވެ.

"ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް. މާލެއާއި އަތޮޅު ތެރޭގައިވެސް މިމައްސަލަ ބޮޑު. އެހެންވެ މިފަދަ ކޮމިޓީއެއް އޮތުމަކީ މެންބަރުންނަށް އެއްބަސްވެވޭ ކަމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް މެންބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހާއްސަ ކޮމިޓީއެއް ހިމަނަން ޕީއެންސީގެ ޕީޖީ ގުރޫޕުން ނިންމިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިއްޔެ ހުވާ ކުރެއްވިއިރު އެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިއްޔެ ވަނީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އަމިއްލަ މެންބަރުން، އެބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކޮމިޓީތަކުގެ ނަންތައް ކުރިއަށް އޮތް ޖޫން ދެވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިދާރާއާ ހިއްސާކުރުމަށް ފާސްކޮށްފަ އެވެ.

މަޖިލީހުން އިއްޔެ ނިންމީ މަޖިލީހުގެ އާންމު ކޮމިޓީތަކުގައި ޖުމްލަ 11 މެންބަރުން އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޖުމްލަ 13 މެންބަރުން ހިމެނުމަށެވެ.