ސަރުކާރުން ހަރަދު ކުޑަކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާ އެކު އަމާޒަކީ 2028 ވަނަ އަހަރު ސާޕްލަސް ނުވަތަ އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ 2028 ވަނަ އަހަރު ސާޕްލަސް ބަޖެޓެއް ހުށަހެޅޭ ގޮތަށް ހަރަދުތައް ހަމަޖެއްސުމަކީ ރައީސްގެ ހުށަހެޅުއްވުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ހަރަދު ކުޑަކުރުމަށް އަބަދުވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އަކުން ހަރަދު ކުރުމަށާއި ހަރަދު ކުރާއިރުވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް އިސްކަން ދެއްވުމަށް ރައީސް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"މި މަހުގެ ނިޔަލަށް ލިބުނު އާމްދަނީން ހަރަދުތައް އުނިކުރުމުން ޕްރައިމަރީ ބެލެންސް މިހުރީ 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް. އެކަމަކު މިދިޔަ އަހަރު މި މުއްދަތުގައި ޕްރައިމަރީ ބެލެންސް ނެގެޓިވްކޮށް ހުރީ 2.6 ބިލިއަން ރުފިޔާ،" ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ނަތީޖާ ފެންނަމުންދާ ކަމުގެ މިސާލަކާ އެކު ސާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރާނެ ގޮތުގެ ޕްލޭނަކާއި ހަރަދުތައް ކުރުމުގައި އިސްކަންދޭ ތަރުތީބެއް އަދި ދައްކަންޖެހިފައިވާ ލޯންތަކުގެ ތަފްސީލްތައް ހިއްސާކުރެއްވުމަށް ރައީސް އެންގެވުމާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ޕްލޭނަކާ އެކު އެހެން މައުލޫމާތުވެސް ހިއްސާކުރައްވާފައިވާނެ ކަމަށެވެ.
ސާއިދު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތަށް އާމްދަނީ ނުލިބި ހަރަދުކުރަން އުޅެފިނަމަ އަހަރު ނިމޭއިރު ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އިތުރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މިއަހަރުގެ ތެރޭގައި ފާސްކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އިތުރު ދަތިތަކަކާ ކުރިމަތިވާނެ ކަމަކަށްވާތީވެ ސަރުކާރުން އިސްކަންދެނީ މިވަގުތަށް ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އަކުން ހަރަދު ކުރަން އިސްކަން ނުދޭނަމަ ދަރަނި ފޫބެއްދުމަށާއި ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި ބޭރު ގައުމުތަކުގެ މާލީ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށެވެ. އެފަދަ އެހީތެރިކަމެއް ހޯދަން އުޅުމަކީވެސް އިތުރު އުދަނގޫތަކެއް ނިކުންނާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ސާއިދު ވިދާޅުވީ ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަމުން ދަރަނިތަކަށްވެސް ސަރުކާރުން ބަރާބަރަށް ފައިސާ ދައްކަމުންދާ ކަމަށެވެ. އަދި ސަރުކާރުން ފައިސާ ދޭންޖެހި ނުދީ ހުރި ބިލްތަކަށް ފައިސާ ދައްކަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މިހުރިހާ ފިޔަވަޅުތަކަކާ އެކު މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"އޯވަރޯލް ބެލެންސް މެއި މަހާ ހަމައަށް 1.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހަރަދުވެފައި ހުރި އިރު މިދިޔަ އަހަރު މި އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައި،" ސާއިދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 50 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަންވެސް ކަނޑައަޅާފަ އެވެ. އަދި ދައުލަތުގެ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށާއި ސަބްސިޑީ ދޫކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށާއި އާސަންދައަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.