ދުނިޔެ

"ޑޮނަލްޑް ޓްރަމްޕަށް ޖަލު ހުކުމެއް، ޖަލަށް ވަޑައިގަންނަވާކަށް ނުޖެހޭނެ"

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރި ހިސާބުތައް އޮޅުވާލެއްވި ކަމުގެ ކުށް ސާބިތުވެއްޖެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕަށް ހުކުމް އިއްވުން އޮންނާނީ ޖުލައި 11 ވަނަ ދުވަހު އެވެ. އޭނާއަށް ޖަލު ހުކުމެއް އިއްވުމަކީ އެކަށީގެންވާ ކަަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑޮނަލްޑް ޓްރަމްޕް ވިޔަފާރީ ހިސާބުތައް އޮޅުވާލައްވާފައި ވަނީ 2016 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައި އޮތް 34 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. ދައުވާތަކުގެ ތެރޭގައި ހިލޭ އަންހެނަކަށް އޭނާ ކުރެއްވި ޚަރަދަތަކެއް އޮޅުވާލެއްވި މައްސަލައެއް ވެސް ހިމެނެ އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑޮނަލްޓް ޓްރަމްޕް -- ހިލަރީ ކްލިންޓަނާ ވާދަކުރައްވައި ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ.

ޖެނުއަރީ 20، 2017 އިން ޖެނުއަރީ 20، 2021 އަށް އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވީ ޓްރަމްޕް އެވެ.

ޓްރަމްޕް ވިޔަފާރި ހިސާބުތައް އޮޅުވާލެއްވީ އިންތިޚާބުގެ ކުރިން އޭނާގެ އަޚުލާގާ ބެހޭ ގޮތުން އެމެރިކާގެ ރައްޔިތުންނަށް އެނގިއްޖެ ނަމަ އިންތިޚާބު ކާމިޔާބު ނުކުރެއްވިދާނެތީ އެވެ.

ޓްރަމްޕްގެ މައްޗަށް ސާބިތުވާ ކޮންމެ ހުކުމަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް ބެލެވިފައި އޮތަސް، ޖުމުލަ ހުކުމް 20 އަހަރަށް ވުރެ އިތުރެއް ނުވާނެ އެވެ.

ޑޮނަލްޑް ޓްރަމްޕް އަކީ މީގެ ކުރިން ޝަރުއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވާތީ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވުމުގެ ބަދަލުގައި ބޮޑަށް ވައްތަރީ ޖޫރިމަނާއެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ކެންޑިޑޭޓެއްގެ ގޮތުގައި ޑޮނަލް ޓްރަމްޕް ވާދަކުރައްވާނެ އެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މައްސަލައިގެ ސަބަބުން ޓްރަމްޕްގެ ކެމްޕޭނަށް ކޮންމެވެސް އަސަރެއް ކުރާނެ އެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވަފާތެރިން، ވަފާތެރިކަމުގައި ދެމިތިބޭނެ ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވެ އެވެ.