ދުނިޔެ

ހަނގުރާމަ ހުއްޓަން ބައިޑަން ބުންޏަސް އެކަމެއް ނުވާނެ: ނަތަންޔާހޫ

އިޒުރޭލު ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތައް އަދި އޮތީ ހުއްޓާލާ ގޮތަށް ނޫން ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ހަނގުރާމާ ހުއްޓާލަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ކިތަންމެ ހަރު އަޑުފުޅަކުން ވިދާޅުވިއެއް ކަމަކު އިޒުރޭލުގެ މަގުސަދު ހާސިލް ނުވާހާ ހިނދަކު ހަނގުރާމަ ހުއްޓާލުމެއް ނޯންނާނެ ކަމަށެވެ.

ނަތަންޔާހޫ މިހެން މި ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅި އާ ހުށަހެޅުން ތަކަކަށް އިޒުރޭލުން ފެހި ސިގްނަލް ދީފައިވާ ކަމަށް ބައިޑަން ވިދާޅުވެފައި ވަނިކޮށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި މި ހުށަހެޅުންތަކަށް ތާއީދުކުރެވިދާނެ ކަމަށް ހަމާސްއިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ވަކި ގޮތެއް ނިންމޭނީ އިތުރަށް ދިރާސާކުރުމަށްފަހު ކަމަށް ހަމާސްއިން ބުނި ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމަލާތައް ހުއްޓާލަން އޮތް ފުރަތަމަ ޝަރުތަކީ އަސީރުން މިނިވަންކުރުމެވެ. ދެވަނަ ޝަރުތަކީ ހަމާސްގެ ކިބައިގައި ހުރި އަސްކަރީ ގާބިލުކަން ނައްތާލުމެވެ.

މި ޝަރުތުތައް ފުރިހަމަވުމަށް ދާންދެން ހަމަލާތައް މިހާރެކޭ އެއްފަދައިން ކުރިއަށް ދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މި ނަތީޖާ ހާސިލުކުރުމަށްޓަކައި މަޝްވަރާކުރެވިދާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި އިޒުރޭލުގެ މަޝްވަރާ ޓީމުތަކަށް މި ފަދައިން އަމަލުކުރުމަށް ނަތަންޔާހޫގެ އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.

ބައިޑަން އެކުލަވާލެއްވި ކަރުދާހުގައި ހަނގުރާމަ ހުއްޓާލުން އޮތީ ތިން ވިޔަވައްސަކަށް ބަހާލާފަ އެވެ. ފުރަތަމަ ފިޔަވަހީގައި ހަމަލާތައް ހަ ހަފްތާއަށް ހުއްޓާލުން އޮތީ ޝަރުތުކޮށްފަ އެވެ. އަދި އިޒުރޭލުގެ އަސްކަރީ ބާރުތައް ޣައްޒާއިން ބޭލުން ދެވަނަ ފިޔަވަހީގައި ހިނގައިދާން ޖެހެ އެވެ. ކުށްވެރިން ބަދަލުކުރުން އޮތީ ތިންވަނަ ފިޔަވަހީގަ އެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. މިއީ ރަސްމީކޮށް އަދަދުކުރުމަށް ބޭނުންކުރެވޭ ނަންބަރެއް ނަމަވެސް ފުރިހަމަ އަދަދު މިއަށް ވުރެ އިތުރުވާނެ ކަމަށް މުޅި ދުނިޔެ ގަބޫލުކުރެ އެވެ.