ދުނިޔެ

ޣައްޒާގައި ނަސްލު ނައްތާލަން ބަޔަކު ކަމެއް ނުކުރޭ: ބައިޑަން

ފަލަސްތީންގެ ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލެއް ބަޔަކު ހިންގާކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޖޯއިޑަން ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަނަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ބަޔަކު އެ ބުނާ ބުނުން ގަބޫލުނުކުރައްވާ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ޖޯ ބައިޑަން މި ގޮތަށް ވިދާޅުވި ސަބަބަކީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިޔުޓަރު ކަރީމް ޚާން އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ކަރީމް ޚާން ދެކެވަޑައިގަންނަވާ ގޮތުގައި ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ. އަދި ޔޮއާވް ގަލަންޓް ވެސް ވަނީ ޣައްޒާގައި ފަލަސްތީންގެ ނަސްލު ހައްތާލަން އަސްކަރިއްޔާއަށް އަމުރުކުރައްވާފަ އެވެ.

އިޒުރޭލުގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިންކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށް ވެސް އައިސީސީގެ ޕްރޮސެކިޔުޓަރު ކަރީމް ޚާން ވިދާޅުވި އެވެ.

ޖޯ ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި ބައިނަލްއަގްވާމީ ކޯޓުގައި އިޒުރޭލާ ދެކޮޅަށް ބަޔަކު އެ ކުރާ ޝަކުވާތަކުގައި އަސާސެއް ނެތެވެ.

އިޒުރޭލުން އިންސާނީ ޖަރީމާތަކެއް ހިންގާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައި އޮތް ނަމަވެސް، ބައިޑަން ވިދާޅުވީ އިޒުރޭލަކީ އެވަރުގެ ނާތަހުޒިބު ބައެއް ނޫން ކަމަށެވެ.

އިޒުރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުގައި ތުހުމަތުތުތަކެއް ކުރި ނަމަވެސް، ނަސްލު ނައްތާލަން އިޒުރޭލުން އޮޕަރޭޝަންތަކެއް ނުހިންގާ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާ އަކީ އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އަދި ޒަޔަނިސްޓުން ދިފާއުކުރުމުގައި އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

ޣައްޒާގައި އިޒުރޭލު ސިފައިން ބޭނުންކުރާ ހަތިޔާރު ދެނީ އެމެރިކާ އާއި ޔޫރަޕް އަދި އިނގިރޭސިވިލާތުންނެވެ.

އެމެރިކާގެ އެހީތެރިކަމާ އެކު އިޒުރޭލު ސިފައިން ޣާއްޒާގައި ހިންގަމުން ގެންދާ އަސްކަރީ ޖަރީމާތަކުގައި 35،000 މީހުން ވަނީ މަރާފަ އެވެ. އަދި މަރުވިކަން ހިސާބު ނުކުރެވި ވަނީ ކިތައް މީހުންކަން އެކަކަށް ވެސް ނޭނގެ އެވެ.

މިވަރުން ވެސް ބައިޑަން ވިދާޅުވަނީ އިޒުރޭލުގެ އަމަލުތަކަކީ ގަތުލުއާންމެއް ނޫން ކަމަށެވެ އަދި އެއީ ނަސްލު ނައްތާލުން ކަމަށް ނުބުނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.