ދުނިޔެ

ޣައްޒާގެ އާންމުން ރައްކާތެރިކުރޭ، ނޫނީ ސިޔާސަތު ބަދަލުކުރަން ޖެހިދާނެ: ބައިޑަން

ޣައްޒާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހުގައި ދަންނަވައިފި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމަ އޮތީ ދުނިޔެއަށް ބޮޑު ކަމަކަށް ވެފަ އެވެ. އަދި އިޒުރޭލުން އެއްވެސް ވަރަކަށް ބެލުމެއް ނެތި އާންމު ރައްޔިތުންނަށާއި އެހީދޭ ޖަމާއަތްތަކަށް ހަމަލާދިނުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ އެމެރިކާއިން އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދެނީ ޓެރަރިސްޓުންނަށް ހަމަލާދިނުމަށް ކަމަށާއި އިޒުރޭލަށް ނުރައްކަލެއް ނެތް އާންމު ރައްޔިތުންނަށް ހަމަލާދޭން ނޫން ކަމަށެވެ.

އިޒުރޭލުގެ ދައުލަތެއް ދެމެހެއްޓުމުގައި އެމެރިކާއަށްވެސް ޒިންމާތަކެއް އޮތް ކަމަށް ވިދާޅުވެ ބައިޑަން ވިދާޅުވީ އެމެރިކާގެ ސިޔާސަތައް އިހުތިރާމު ކުރުމެއް ނެތި އިޒުރޭލު ސަރުކާރަަށް ފެންނަހާ ގޮތަކަށް އަމަލުކުރުމަކީ އިޒުރޭލާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާން ޖެހިވަޑައިގެންފާނެ ކަމެއް ކަމަށެވެ.

އިޒުރޭލުގެ ސިޔާސަތު ބަދަލުކޮށް ހަމަލާތައް ކޮންޓްރޯލް ނުކޮށްފިނަމަ އެމެރިކާއާއި އިޒުރޭލާ ދެމެދު ނުތަނަވަސްކަން އުފެދިދާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒުރޭލަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކޮށްދިނުން އެމެރިކާއަށް މުހިއްމު ވާނީ އެމެރިކާ ބުނާ ގޮތް ވެސް ހަދާ ނަމަ ކަމަށެވެ. އެ ނޫން ގޮތެއްގައި އިޒުރޭލަށް އޮތީ އެމެރިކާގެ ނިންމުންތަކާ ކުރިމަތިލުން ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަން މި މޭރުމުން ބަސް ވިދާޅުވީ އިޒުރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުކޭސީ) އަށް މަސައްކަތްކޮށްދޭ ހަތް މީހަކު މަރުވުމާ ގުޅިގެންނެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެއްޖެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. އެހީދޭން މަސައްކަތްކުރި މީހުންގެ ތެރެއިން މަރުވެފައިވާ އަދަދު ހިސާބުކުރަން ދަތި ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލާ އެކު އެމެރިކާ ބާއްވާ ގާތް ގުޅުމަކީ މީހުން މެރުމަށް ދޭ ހުއްދައެއް ނޫން ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ މައިދާނުގައި އެމެރިކާ ބަދުނާމުވާ ގޮތަށް އަމަލު ނުކުރުމަށް ވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެންނެވި އެވެ.