މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ގިނަ ހަރަކާތްތަކަކާ އެކު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަނީ

ދުނިޔޭ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް 10 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން އަށްވަނަ ދުވަހެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ މި ދުވަސް ފާހަގަކުރަން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ކަމަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސް ރޭހަކާއި، ކުއިޒް މުބާރާތަކާއި، ކުރެހުމުގެ މުބާރާތަކާއި، "އެންމެން މޫދަށް" މި ނަމުގައި މޫދު ހަރަކާތެއް ބޭއްވުމާއި، މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމާއި، ޑިސްކަވާ ޑައިވް ހަރަކާތެއް ބޭއްވުމާއި އަދި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ގިނަ ހަރަކާތްތައް އެ ދުވަހުގެ ކުރިން ފެށުމަށްފަހު ހުރިހާ ކަމެއް ނިންމާލުމަށް ހަމަޖެހިފައިވަނީ ޖޫން އަށްވަނަ ދުވަހު ހުޅުމާލޭގައި މުޅި ދުވަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގޮތަށް "އޯޝަން ޑޭ ފެސްޓިވަލް" އަކުންނެވެ.

"ފުލްޑޭ އިވެންޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެދޭކަމެއް،" މުއްތަލިބް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދުނިޔޭގެ ކަނޑު ތަކުގެ ދުވަހަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ފާހަގަކުރާ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.