ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކުރަން ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)އާ މަޝްވަރާކޮށްފި އެވެ.
މިމަޝްވަރާތައް ކުރިއަށް ދިޔައީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު، ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)ގެ މަސްވެރިކަމާއި ބެހޭ ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިޓަލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެފްއޭއޯގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލްއާ އެކު ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމު ވަނީ ރާއްޖެއަށް އެހީތެރިކަން އެންމެ ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން މެރިކަލްޗާ ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝިޔާމު ވަނީ އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗާ ޑިވެލޮޕްމަންޓްގެ ނައިބް ރައީސްއާ ވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައިވެސް މިނިސްޓަރު ވަނީ މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމަށް އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ހަކަތައިގެ 35 ޕަސަންޓް އިޔާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން އިޓަލީގެ ގާނޫނު ހަދާ މަޖިލިހުގެ މަތިގެ (ސެނެޓު)ގެ ނައިބް ރައީސް ގިއަންމަކޯ ކެންޓަނިއޯއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ސްޕޯޓްސް ފިޝިން މެރީނާ ގާއިމުކުރުމާއި އެ ދާއިރާގައި ހުރި ފުރުސަތުތައް ހިއްސާކުރެއްވި އެވެ. އަދި ޔޫރަޕަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި، މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކަޑާލުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިޓަލީގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި ވަނީ އެފްއޭއޯގެ އެހީއާއެކު 1980 ވަނަ އަހަރު ރާއްޖޭގައި ފެށި ކަނދުފަތީގެ މަޝްރޫއު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެފްއޭއޯ އިން ދޭ 4.5 މިލިއަން ރުފިޔާގެ މަޝްރޫއެއްގައި ސޮއިވެސް ކުރައްވާފަ އެވެ.
މި މަޝްރޫއުގައި ކަނދުފަތި ކަނޑައިގެންދާ މިންވަރު މަދުކުރުމާއި ސައިންޓިފިކް މަޢުލޫމާތު އިތުރުކުރެވޭނެ ގޮތްތަކާއި މަސްއައިނު ދިގުމުއްދަތަކަށް ބެހެއްޓޭނެ ގޮތްތައް ބަލައި ކަނދުފަތީގެ ޑިޒައިންއަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެބަދަލުތައް ގެނައުންވެސް ހިމެނެ އެވެ.
ރާއްޖޭގައި އޯޝަން ރިސޯސަސް ގާނޫނެއް ޑްރާފްޓްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށްވެސް އެފްއޭއޯ އެކު އެއްބަސްވުމުކަށް އައިސްފައިވެ އެވެ. މީގެތެރޭގައި އެއާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ކުރިއަށް ގެންދިއުންވެސް ހިމެނެ އެވެ.