އަހުމަދު ޝިޔާމް

މެރިކަލްޗާއަށް ހަތަރު ސަރަހައްދެއް ހާއްސަކޮށްފި

ރާއްޖޭގައި މެރިކަލްޗާ ސިނާއަތު ކުރިއަރުވާ ތަރައްގީ ކުރުމަށްޓަކައި ހަތަރު ސަރަހައްދެއް ކަނޑައަޅައިފި އެވެ.

އެގޮތުން ކަނޑައެޅި ހަތަރު ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ތ. އަތޮޅު އެވެ،

މެރިކަލްޗާ ސިނާއަތައް މީހުން ބިނާކުރަން ކުރިއަށް ގެންދިޔަ ދެވަނަ ބުރުގެ ތަމްރީން ޕްރޮގްރާމު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދޭން އިއްޔެ މަނިޔަންފުށީގައި ބޭއްވި ހަފްލާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވީ މެރިކަލްޗާއަށް ހަތަރު ސަރަހައްދެއް މިވަގުތަށް ކަނޑައަޅާފައިވީ ނަމަވެސް އަދި އިތުރު ސަރަހައްދުތައް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން މަނިޔަށްފުށި ކައިރީގައިވާ ފަޅެއް މިމަސައްކަތަށް ހާއްސަ ކުރަން ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުތައް މެރިކަލްޗާ އަށް ހުޅުވާލަމުން އަންނައިރު މިކަމަށް ބޭނުންވާ ފަރާތްތަކަށް މިސިނާއަތުން އިތުރު ފުރުސަތުތައް ހޯދައިދޭންޖެހޭ ކަމަށެވެ.

"މިއީ ރާއްޖޭގައި ކުރެވޭނެ ކަމެއްކަން އިންވެސްޓަރުންނަށާއި ދިވެހިންގެ ތެރެއިން މިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދައްކަން އަޅުގަނޑުމެން ޖެހޭނީ. އެކަން ކުރެވުމުން ހަމަ ޔަގީން މިއީ އާމްދަނީ ލިބޭ ވަރުގަދަ ސިނާއާތަކަށް ވެގެންދާނެކަން،" ޝިޔާމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސިނާއަތު ވަރުގަދަ ކުރުމަށްޓަކައި މިސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށްވެސް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުގެ މަގުސަދަކީ، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްގީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 26 މީހަކު ތަމްރީންކޮށްފައިވެ އެވެ.