މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަ ދެނީ

ލޭނުގައި ޖެހި މަރުވާ މިޔަރު ކިރުމަށްފަހު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ހާއްސަ ލައިސެންސެއް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ލޭނު މަސްވެރިކަމާ ބެހޭ ގަވާއިދުގައިވާ ގޮތުން ލައިސެންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށް ބުނެފަ އެވެ. އަދި މިޔަރު ފަދަ ބައިކެޗް މަދުކުރުމުގެ ގޮތުން މަސްވެރިކަން ކުރާ އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނޫނީ ނަރު ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް ލޭނުގައި ޖެހޭ މިޔަރުގެ ތެރެއިން މަރުނުވާ މިޔަރެއްނަމަ ވީހާވެސް އަވަހަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އެގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށް ޑީ-ހުކާއާއި ލައިންކަޓާ ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކުރުމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މިޔަރު ލޭނުގައި ޖެހޭނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެ އާލާތްތައް އަބަދުވެސް މަސްވެރިކަން ކުރާ އުޅަނދުގައި ހުންނަން ޖެހޭނެ ކަަމަށްވެސް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން ލޭނުގައި ޖެހި މަރުވާ މިޔަރު ބަނދަރަށް ގެންދާއިރު އޭގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިކުރެވިގެން ނުވެ އެވެ.

"މިއި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ ލޭނު މަސްވެރިކަމުގެ އެންމެ ބެސްޓް ޕްރެކްޓިސް،" މިނިސްޓްރީން ގަވައިދަކާ ހަވާލާދީ ނެރުނު ނޫސްބަޔާންގައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ލޭނު މަސްވެރިކަން ކުރުމަށް ދޭ ހުއްދައާއި ގުޅިގެން އެ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލާއި ކޮމެންޓު ހޯދުމަށްވެސް ހުޅުވާލާފަ އެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.