އަހުމަދު ޝިޔާމް

މިފްކޯއަށް އަބަދު ސަބްސިޑީ ދީގެން މަސްވެރިންނަށް ފައިސާ ނުދެވޭނެ: ޝިޔާމު

މަސްވެރިން އިހްތިޖާޖު ކުރި ނަމަވެސް މިފްކޯއަށް އަބަދު ދައުލަތުން ސަބްސިޑީ ދީގެން މަސްވެރިންނަށް ފައިސާ ނުދެވޭނެ ކަމަށާއި މަސްވެރިންނަކީ އެ މީހުން ބާނާ މަހަށް ސަބްސިޑީއާ ނުލައި އާމްދަނީ ހޯދާ ބަޔަކަށް ހަދާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ޝިޔާމު މިހެން ވިދާޅުވެފައި މިވަނީ މިފްކޯއަށް ކިރުވި މަހަށް މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހްތިޖާޖު ވަރަށް ބޮޑަށް ހޫނުވެ ހުޅުމީދޫގައި ހުރި މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މަސްވެރިން ހުއްޓުވާފައި ވަނިކޮށް ޕީއެންސީގެ މާލޭގެ މައި ޖަގަހަ -- ޕީއެންސީ ހައުސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝިޔާމް ވާހަކަދައްކަވަން ފެއްޓެވީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި މަސްވެރިންނާ މެދު އަމަލުކުރި ގޮތުގެ ބައެއް މައުލޫމާތު ހިއްސާކުރުމަށްފަހު އެވެ. އެގޮތުން ޝިޔާމު ވިދާޅުވީ މިފްކޯއަށް 16 ރުފިޔާއަށް ކަޅުބިލަ މަސް ކިލޯއެއް ގަންނަމުން ދަނިކޮށް މިދިޔަ ރިޔާސީ އިންތިހާބު އަންނަން އެއް އަހަރަށް ވެފައި އޮއްވާ މަސް ކިލޯއެއް ގަންނަ އަގު 17 ރުފިޔާ އަށް ބޮޑު ކުރަން ސަރުކާރުން ނިންމި ކަމަށެވެ. އަދި އޭގެފަހުން މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ސަރުކާރުން އުފުލި ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމާ ހަމައަށްވެސް 25 ރުފިޔާގެ ރޭޓުން މަސްވެރިންނަށް އެންމެ ފައިސާއެއް ވެސް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭރު ފައިސާ ޗާޕްކޮށްގެން އެކި މީޙުންނަށް ފައިސާ ބަހަމުން ދިޔަތާ ތިން އަހަރުވީ ކަމަށާއި ނަމަވެސް މަސްވެރިންނަށް ދޭނެ ފައިސާ އެމްޑީޕީގެ ސަރުކާރުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 113 ބިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ފައިސާ ޗާޕް ނުކޮށް މިއަދު، އެ އަދަދު 110 ބިލިއަން ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެ ވަރުގެ އަދަދެއް އޮތް އިރުވެސް މިވެރިކަމުގައި މިހާތަނަށް މަސްވެރިންނަށް ތެލުގެ ސަބްސިޑީއާއި އައިސްގެ ސަބްސިޑީ ހިމަނައިގެން 933 މިލިއަން ރުފިޔާ މިފްކޯގެ ތެރެއިން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދޭއިރު އެ ފައިސާގެ ތަފްސީލް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމުގައި ޝިޔާމު ވިދާޅުވި އެވެ. ނަމަވެސް ބައެއް މަސްވެރިން ބޭނުންވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ފައިސާ ދީގެންވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހޯދަން ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ މަސްވެރިންނަކީ ސަބްސިޑީއާ ނުލައި އެ މީހުން ބާނާ މަހުން އާމްދަނީ ހޯދާ ބަޔަކަށް ވާން ކަމަށާއި ރައީސް މުއިއްޒުގެ ޒައާމަތުގައި އެކަން ހަގީގަތަކަށް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެހެން ސިނާއަތްތައް ފަދައިން މަސްވެރިކަމުގެ ސިނާއަތަކީވެސް އާމްދަނީ ލިބޭ އަދި އިތުރު ހަފްތަކަށް މައްޗަށް ގެންދެވޭނެ ސިނާއަތަށް ހެދުމަށް ކަމަށެވެ. އެކަން ހާސިލްކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އެހެން ސިނާއަތްތަކެކޭ އެއްފަދައިން މަސްވެރިކަމުގެ ސިނާއަތަކީވެސް އާމްދަނީ އިތުރަށް ލިބޭ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އޮތް ސިނާއަތަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތީ. މިފްކޯގެ އެ ލޭ އަންނަ ތަންތަން ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ. މިފްކޯ އަކީ އެއީ ދިވެހި ރައްޔިތުންގެ ތެރެއިން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭ ކުންފުންޏަކަށް ހެދުމުގެ މަގުސަދުގައި އައީ،" ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ މިފްކޯ އޮތީ 1.6 ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ. އެހެންވެ ސަރުކާރުން ބޭނުންވަނީ މިފްކޯގެ "ލޭ އަންނަ ތަންތަން ބަންދުކޮށް" އަމިއްލަ ފައި މައްޗަށް ތެދުވެ އާމްދަނީ ލިބޭ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"މިފްކޯ އިން ބްލީޑް ކުރާކަށް ދައުލަތް ބްލީޑްކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. ދައުލަތް ބްލީޑްވާ ބްލީޑްވުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ އަނިޔާއަކަށްވާތީ އެކީގައި އާއި އަދި މަސްވެރި ސިނާއަތް ފިޔަވާ އެހެން ހުރިހާ ސިނާއަތެއްގެ ލޮބުވެތި ދިވެހި ރައްޔިތުންގެ ލޯތައް އިނގިލިތައް އަމާޒުވެފައި މިހުންނަނީ މަސްވެރިންނަށް ދޭ ސަބްސިޑީއަށް ކަމަށްވާތީވެ އަޅުގަނޑުމެން ބޭނުން މިސަރުކާރުން ބޭނުން ދިވެހިރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިން އެ އިނގިލިތަކުން އަޅުގަނޑުމެން ބޭނުން ސަލާމަތް ކުރަން،" ޝިޔާމު ވިދާޅުވި އެވެ.

މަސްވެރިންނަށް ފައިސާތަކެއް ނުދީ ހުރުމުން އެމްޑީޕީން ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔާތީ އެކަމަށް ޝިޔާމު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ޝިޔާމް ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑު ކޮށްފައި އެންމެ ރުފިޔާއެއްވެސް މަސްވެރިން ނުދީ ތިބީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. ރާއްޖެއިން ޔޫރަޕަށް ގެންދާ މަހަށް ނަގަމުންދާ ޓެކްސް ކުޑަކުރުމުގެ ފެހި ސިގްނަލް އެމްޑީޕީގެ ސަރުކާރުގައި ލިބިފައިވާ ކަމަށް އެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވާތީ އެކަމަށްވެސް ޝިޔާމު ރައްދު ދެއްވި އެވެ.

"އެ ފެހި ސިގްނަލްގެ އެއްވެސް އަލިކަމެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ދެއްކި އެއްވެސް ވާހަކައެއް ނެތް އެފަރާތްތަކާ އެކީ. އެހެންވީމާ އަޅުގަނޑުމެން މިޖެހުނީ އަލުން ބަލުން ސުމަކުން ފަށައިގެން ހުރިހާ މަސައްކަތްތަކެއް ފަށަން،" ޝިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދު ބަންދާ ކުރިމަތިވިއިރު މަސްވެރިންނަށް ނުދީ 90 މިލިއަނަށް ވުރެ ބޮޑު އަދަދެއް އޮތް ކަމަށާއި އޭގެތެރެއިން ދެބައިކުޅައެއްބައެއްހާ ފައިސާ ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އީދުގެ ބަންދަށްފަހު އޮފީސްތައް ހުޅުވުނީ މިއަދު ކަމަށްވާތީ ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ މަސްވެރިންނަށް ފައިސާ ދައްކާ ހަލާސްކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މިހަފްތާގައިވެސް ފަށާނެ ކަމުގައި ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރައްޔިތުން ހައްގު ހޯދުމަށް ސުލްހަވެރިކަމާ އެކު އިހްތިޖާޖު ކުރެވޭނެ ކަމަށާއި އެފަދަ އިހްތިޖާޖުތަކަށް ސަރުކާރުން މަރުހަބާވެސް ކިޔާނެ ކަމަށެވެ. ނަމަވެސް މީހުންގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން ގާނޫނު ތަންފީޒު ކުރާނެކަން މިސަރުކާރުގައި ޔަގީންކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ސުލްހަވެރިކަމާ އެކު ކުރާ އިހްތިޖާޖުތަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަނީ. ރައްޔިތުންގެ މުދަލަށް ދައުލަތުގެ މުދަލަށް ގެއްލުން ދޭ ހިސާބަށް އިހްތިޖާޖުތަކުގައި ދާން އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން. އެއީ މަސްވެރިން ކަމަށްވިޔަސް އަދި އެއީ އެހެން އިހްތިޖާޖެއް ކުރާ ބައެއް ކަމުގައިވިޔަސް އެއީ އެހެން ބައެއްގެ ހައްގުތަކަށް އެ އަރައިގަނެވުނީ،" ޝިޔާމު ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމު ވަނީ މަސްވެރިން އިހްތިޖާޖު ކުުރުމުގައި އެއްވެސް ވަގުތެއް ދުއްވާނުލައި އެނބުރި މަސްވެރިކަމަށް ނިކުތުމަށްވެސް އެދިވަޑައިގެންފަ އެވެ. މިސަރުކާރުން މަސްވެރިންނަށް އެއްވެސް ކަމެއް އޮޅުވާނުލާނެ ކަމަށާއި ކަމުގެ ހަގީގަތް ތެދު ބަހުން ސާފުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި މަސްވެރިންގެ ތަރައްގީއަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތައް ކުރިއަށް އޮތް އަހަރެއް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ނިންމާ "އަތް ފޮޅާލައި" މަސްވެރިންނަށް އުފާވެރި މާހައުލެއް މިޒައާމަތުގައި ހޯދައިދެއްވާނެ ކަމުގައިވެސް ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ މަސްވެރިންނަށްވެސް އަދި އެހެން ރައްޔިތުންނަށްވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ހަގީގީ މަސައްކަތް ފެށުނީ ދާދި ފަހުން ކަމަށެވެ. އެގޮތުން އެ މަސައްކަތް ފެށުނީ ޕީއެންސީގެ ސާފު އަގުލަބިއްޔަތެއް އޮތް 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވި ދުވަހުން ފެށިގެން ކަމުގައިވެސް ވިދާޅުވި އެވެ.