ޑރ. މުހައްމަދު މުއިއްޒު

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބުމުން ރައީސްގެ މަރުހަބާ

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދިނީ އެ ޖަމިއްޔާ 77 ވަނަ އަހަރީ ޖަލްސާގައި އެ ޖަމިއްޔާގެ މެންބަރުކަން ދިނުމަށް 101 ގައުމުން ތާއީދުކޮށްގެންނެވެ. ރާއްޖެއިން ވަނީ މި ވޯޓުގައި ފަލަސްތީނާ އެއްކޮޅަށް ވޯޓު ދެއްވާފަ އެވެ.

ޑަބްލިއުއެޗްއޯގެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ އެ ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ދިވެހިރާއްޖެއިން ތާއީދުކުރީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށާއި، އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ހޯދައިދިނުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ކުރާ މަސައްކަތަށް ތާއީދުކުރުމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ދެމެހެެއްޓެނިވި ސުލްހައަށް އެޅޭނެ މުހިއްމު ފިޔަވަޅެއް،" މުއިއްޒު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް ރައީސް މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އަދި އިސްލާމީ ގައުމުތަކާއެކު ވާލްޑް ހެލްތު އެސެމްބްލީގައި ރާއްޖެއިން ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާނެ ކަމަށެވެ.

"މިއަދުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ވަނީ ލިބިފައި. ވާލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީހީ ނިނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި ލިބިގެންދާނެ،" ހަލީލް ވިދާޅުވި އެވެ.

ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މިއަހަރު ކުރިއަށް ދިޔަ ޑަބްލިއުއެޗްއޯގެ އަަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.