ދުނިޔެ

އިންޑިއާގެ ބޮދުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރެއްގެ އުންމީދުގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، 73، މިހާރު ހުންނަވާނީ ވެރިކަމުގެ ތިންވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގަ އެވެ.

ތިން ވަނަ ދައުރަކަށް މޯދީ އުންމީދު ނުކުރައްވަންވީ ސަބަބެއްވެސް ނެތެވެ. އިންޑިއާގެ އާންމު އިންތިޚާބު 2024 ގައި ވޯޓުލުން މިހާރު ނިމިފައި ވާއިރު، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ އޭނާއަށް ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިސްނަގައިގެން ހަދާފައި އޮތް ވެރިކަންކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަނަށް އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ -- ލޯކް ސަބާއިން 350-380 ގޮޑި ލިބޭނެ އެވެ.

ލޯކް ސަބާގެ ޖުމުލަ ގޮނޑީގެ އަދަދަކީ 543 އެވެ. އަޣުލަބިއްޔަތަކީ 272 އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުން ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނާނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއީ އަންނަ އަންގާރަ އެވެ.

އިންޑިއާގެ އާންމު އިންތިޚާބު ފަށާފައި ވަނީ އެޕްރީލް 19 ވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހަތް މަރުހަލާއަކަށް ބަހާލައިގެންނެވެ. އެންމެ ފަހު މަރުހަލާ އޮތީ މި ހަފުތާގެ ހޮނިހިރު ދުވަހު އެވެ.

މި އިންތިޚާބަކީ މައިގަނޑު ގޮތެއްގައި ވެރިކަންކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އާއި އިދިކޮޅު އިއްތިހާދުން އުފައްދާފައި އޮތް ކޯލިޝަން "އިންޑިއާ" އާ ދެމެދު ކުރެވޭ ހަނގުރާމަ އެކެވެ. އިދިކޮޅު އިއްތިހާދުގައި އިސްކޮށް އޮތީ އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސް އެވެ.

އިދިކޮޅު އިއްތިހާދުން ބުނި ގޮތުން އެ މީހުންނަށް 295 ގޮނޑި ލިބޭނެ އެވެ. މޯދީގެ ޕާޓީން ބުނީ 370 އަށް ވުރެ ގިނަ ގޮނޑި ލިބޭނެ ކަމަށެވެ.

އިންޑިއާގެ ސިޔާސީ މައިދާން ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުން އިދިކޮޅުން ބުނާވަރުގެ ނަތީޖާއެއް އެ މީހުންނަކަށް ނުހޯދޭނެ އެވެ.