އިޒްރޭލް

އިޒުރޭލު މީހުން ރާއްޖެއިން ފޭބުމަށް އަންގައިފި

ރާއްޖޭގައި ތިބި އިޒުރޭލުގެ ހުރިހާ ރައްޔިތުން ވަގުތުން ރާއްޖެއިން ފޭބުމަށް އިޒުރޭލު ސަރުކާރުން އަންގައިފި އެވެ.

އިޒުރޭލުން މިފަދަ އެންގުމެއް އަންގާފައި މިވަނީ އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ލަފާ ދެއްވަވާ އަދި އެގޮތަށް އަމަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.

އިޒުރޭލު ސަރުކާރުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އިޒްރޭލު މީހުން ވަގުތުން ފައިބަންޖެހެނީ އެ މީހުން ރާއްޖޭގައި އުޅެނިކޮށް ދިމާވެދާނެ ކަމަކަށް އެހީތެރިވުމަށް މިވަގުތު ދަތިވެދާނެތީ ކަމަށެވެ.

އިޒުރޭލު ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރުނުކުރުމަށްވެސް އެދިފަ އެވެ.

ދިވެހި ސަރުކާރުން އިއްޔެ ނިންމާފައިވަނީ އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށާއި އެކަމަށް ވަޒީރުންގެ ފެންވަރުގައި ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތް ކުރުމަށެވެ. އަދި ފަލަސްތީނުން އެދޭ ކަންކަން ދެނެގަނެ އެކަންކަން ކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީއެއް ކަނޑައެޅުއްވުމަށްވެސް ނިންމަވާފައިވެ އެވެ.

އިޒުރޭލު ފަތުރުވެރިންގެ ގޮތުގައި މިދިޔަ އަހަރު އަހަރު ރާއްޖެ އައިސްފައިވަނީ 11،000 ޓޫރިސްޓުންނެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ އޭޕްރީލްގެ ނިޔަލަށް އިޒްރޭލުން 528 ފަތުރުވެރިޔަކު ރާއްޖެ އައިސްފައިވާ ކަމަށްވެސް ތަފާސްހިސާބުން ދައްކަ އެވެ.