ދުނިޔެ

ޔުކްރޭން ސަމިޓްގައި ސައޫދީ ބައިވެރި ނުވާނެ

ޔުކްރޭނަށް ސުލްހަ ހޯދުމަށް މަޝްވަރާކުރުމަށް ސްވިޒަލޭންޑްގައި މި މަހު ބާއްވާ -- ޔުކްރޭން ސުލްހައިގެ ސަމިޓްގައި ބައިވެރި ނުވާނެ ކަމަށް ސައޫދީގެ ޑިޕްލޮމެޓަކާ ހަވާލާދީ ޖަރުމަނުގެ ޑީޕީއޭ ނޫސް އެޖެންސީން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާއިން އަދި ރަސްމީކޮށް މި ހަބަރު އިއުލާން ނުކުރި ނަމަވެސް ސައޫދީއަށްވެސް މައްސަލައަކަށް ވަނީ ޔުކްރޭނަށް ސުލްހަ ހޯދުމަށް ބާއްވާ ސަމިޓެއްގައި ރަޝިއާ ބައިވެެރި ނުކުރުމެވެ.

ރަޝިއާގެ ބައިވެެރިވުމެއް ނެތް ސަމިޓެއްގައި ޔުކްރޭނަށް ސުލްހަ ހޯދުމަށް މަޝްވަރާ ނުކުރާނެ ކަމަށް ޗައިނާ ވެސް އޮތީ ބުނެފަ އެވެ.

އަނެއްކޮޅުން މި ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ބައިވެރިވެވަޑައި ނުގަންގަނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ސައޫދީގެ ރުހުން ހޯއްދެވުމަށް އަދި ވަކިން ހާއްސަކޮށް މި ސަމިޓުގައި އެ ގައުމުގެ ބައިވެރިވުން ހޯއްދެވުމަށް، ޔުކްރޭންގެ ރައީސް ޒެލެންސްކީ، ސައޫދީއަށް ކުރައްވަން އޮތް ދަތުރުވެސް މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.

އެއީ ސައޫދީގެ މި ނިންމުމާ ގުޅިގެން ޒެލެންސްކީގެ ދަތުރު ތާވަލަށް ގެނައި ބަދަލެއް ނޫނެވެ. އެކަމަކު ސަމިޓްގެ ކަންތައްތައް ހަމަޖެއްސުމަށް ވަގުތު ބޭނުންވާތީ ދަތުރު ފަސްކުރެއްވީ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޔުކްރޭންގެ ސުލްހައިގެ ސަމިޓް އޮންނާނީ މެއި 15-16 ގައި ނިއުޒިލޭންޑްގެ ރިސޯޓް ރަށެއް ގައެވެ. މި ސަމިޓަށް ރަޝިއާއަށް ދައުވަތު ދީފައެއް ނުވެ އެވެ.

މި ސަމިޓްގައި ޖީސެވަން، ޖީޓްވެންޓީ، ބްރިކްސް އަދި ޔޫރަޕިއަން ޔޫނިއަން ހިމެނޭ ގޮތުން 160 ވަފުދެއް ބައިވެރިވާނެ އެވެ. އަދި ހާއްސަ މެހެމާނުންގެ ގޮތުގައި ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސަމިޓްގައި މަޝްވަރާކުރަން ހަމަޖެހިފައިވަނީ ޔުކްރޭނަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް ޒެލެންސްކީ ހުޅަހަޅުއްވާ ކަރުދާހަކަށެވެ. މި ކަރުދާހުގައި ރަޝިއާގެ އެއްވެސް ހިޔާލެއް ކަންބޮޑުވުމެއް ނުހިމެނެ އެވެ.