ރައްޔިތުންގެ މަޖިލިސް

މާލޭ ރައްޔިތުންގެ އުންމީދު ނިގުޅައިގަނެފި: ނާޒިލް

މާލޭ ރައްޔިތުންގެ އުންމީދު ނިގުޅައިގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގެ ބަހުސްގައި ނާޒިލް ވިދާޅުވީ 40 އަހަރު ފަހުން މާލޭ ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދު ނިގުޅައިގަތީ ޕީއެންސީ އިން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކައިގެން ކަމަށެވެ.

"މިތާ މި ތިއްބެވި ޕީއެންސީ ބޭފުޅުން ހަގީގަތާ ހިލާފު ވަރަށް ގިނަ ވާހަކަފުޅުތަކެއް ދައްކަވައިފި. އޮޅުވާލައްވައިފި އަދި ރައްޔިތުންނަށް ސާފުވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އޮޅުވާލައްވައިފި،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ސިފަކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ ގާބިލުކަން ނެތް ކުންފުންޏަކާ އެވެ.

"އެންމެ ކުޑަމިނުން އެކްސްކަވޭޓަރުގަނޑެއްވެސް ނެތް ކުންފުންޏަކާ ހަވާލުކުރެއްވީ،" ނާޒިލް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރު އަދި ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން އެ މަޝްރޫއު ކުރިއަށްގެންދާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) ދީގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނާޒިލް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޭން ހުޅުމާލޭގައި އޮތް ބިމުން ދޭ 10 ހެކްޓަރުގެ ބިމުގެ އަގަކީ 7.5 ބިލިއަން ރުފިޔާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރު ފަލާހު ދެންމެ ފާހަގަކުރެއްވި ގޮތަށް މާލެއިން 1،000 އަކަފޫޓުގެ އަގަކީ 7.5 މިލިއަން ރުފިޔާ ކަމަށްވަންޏާ (10 ހެކްޓަރު) އެއީ 7.5 ބިލިއަން ރުފިޔާގެ އަގު،" ނާޒިލް ވިދާޅުވި އެވެ.

މިއީ ބޮޑު އޮޅުވާލުމެއް ކަމަށް ތުހުމަތު ކުރައްވާ ނާޒިލް ވިދާޅުވީ ބަހަނާއެއް ދައްކައިގެން މާލޭގެ ރައްޔިތުންގެ އުންމީދުތަކާ ކުޅެލާފައިވާ ކަމަށެވެ.

ރަސްމާލެ ހިއްކަން ޖުމްލަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ބަޖެޓްކުރީ 1.35 ބިލިއަން ރުފިޔާ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.

ތިލަފަޅެއް ހިއްކުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވާ ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގައި ތިން މަސް ދުވަހުގެ ތެރޭގައި 190 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

"ގިރާވަރުފަޅާއި ގުޅީފަޅާއި މި ހުރިހާ ތަނަކުންވެސް މިއޮތީ އީއައިއޭ ރިޕޯޓް ހެދިފަ. ކުރީ ޒަމާނަކާ އެއްގޮތަކަށް ނޫން މިހާރު ކަންތައް ކުރަނީ. އީއައިއޭ ރިޕޯޓް ހެދި ހިއްކަން ފަށާއިރު ގޯތި އޮތްތަނާއި ހުރިހާ ތަނެއް ވަރަށް ސާފުކޮށް އެނގޭނެ،" ނާޒިލް ވިދާޅުވި އެވެ.