ދުނިޔެ

މޯދީއަށް ތިންވަނަ ދައުރަކީ ބޮޑު ކާމިޔާބީއެއް

އިންޑިއާގެ އާންމު އިންތިޚާބު ނިމި ނަތީޖާ އިއުލާންކޮށްފި އެވެ. ރަސްމީ ނަތީޖާ ދައްކާ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތިން ވަނަ ދައުރެއް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް، މޯދީ އުންމީދުކުރެއްވި ވަރުގެ ނަތީޖާއެއް މި އިންތިޚާބުން ލިބިވަޑައެއް ނުގެންނެވި އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ވެރިކަންކުރާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް މިފަހަރު ލިބިފައި ވަނީ 240 ގޮނޑި އެވެ.

ގާނޫންހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި -- ލޯކް ސަބާގައި ހިމެނޭ 543 ގޮނޑީގެ ދެބައިކުޅަ އެއްބައި -- 272 ގޮނޑި ހޯދަން ޖެހެ އެވެ.

ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ސާފުު އަޣުލަބިއްޔަތު ލިބިފައި ނުވާތީ ސަރުކާރު ހިންގާ އިއްތިހާދު، ނޭޝަނަލް ޑިމޮކްރެޓިކް އޭލިއަންސް" (އެންޑީއޭ) އަށް ކުރިއަށް ވުރެ ބޮޑަށް ވަނީ ބޭނުންޖެހިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޯދީ މިހާރު ވަނީ ސަރުކާރު އެކުލަވާލުމަށްޓަކައި އެންޑީއޭ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ އެކު މަޝްވަރާ ފައްޓަވާފަ އެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ ހިމެނޭ ގޮތުން އުފައްދާފައި އޮތް އިއްތިހާދު -- އިންޑިއާ އޭލިއަންސުން މި އިންތިޚާބުގައި ވަނީ ކުރިން ހީކުރި ވަރަށް ބުރެ ރަނގަޅު ނަތީޖާއެއް ހޯދާފަ އެވެ.

ކޮންގްރެސް ޕާޓީއަށް 100 އެއްހާ ގޮޑި ލިބިފައި ވާއިރު، އިންޑިއާ އޭލިއަންސަށް 230 ގޮޑި ވަނީ ލިބިފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުން ބީޖޭޕީއަށް އިންޑިއާގައި ކުރިން އޮތް ތާއީދު މިހާރަކު ނެތެވެ. އެ ޕާޓީން މީގެ ކުރިން ތަނަވަސް އަޣުލަބިއްޔަތު ހޯދި ބައެއް އަވަށްތައް އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ނަރެންދުރަ މޯދީއަށް މިއީ ބޮޑު ކާމިޔާބެއް ނަމަވެސް، ޖުމުލަ ނަތީޖާއާ މެދު ކަންބޮޑުވުން އޮތް ކަމަށް، ނަތީޖާއަށް ފަހު ސަޕޯޓަރުންނަ މުޚާތަބުކުރައްވައި އޭނާ ވިދާޅުވި އެވެ.

މޯދީ ވިދާޅުވި ގޮތުން އިންތިޚާބުގެ ނަތީޖާ އަކީ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭ ކަމުގެ މެސެޖެކެވެ. އާންމު ރައްޔިތުން ނުގަބޫލުކަމެއް ބީޖޭޕީ ސަރުކާރަށް ކުރެވިފައި ހުރި ނަމަ އެ ކަމަށް ދިރާސާކުރައްވައި ރަނގަޅު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިދިކޮޅުން ހޯދި ކާމިޔާބާ މެދު ބީޖޭޕީ ވަރަށް ކަންބޮޑުވެފަ އެވެ. ބީޖޭޕީން އެކަން ވަރަށް ރަނގަޅަށް ދިރާސާކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.