އީޕީއޭ

ދިޔަނެރު ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 20 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފި

މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެރި ޓަގު ބޯޓުގެ ވެރިފަރާތް 20 މިލިއަން ރުފިޔާއަށް ޖޫރިމަނާކޮށްފި އެެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއެމް އެޑްވޭ ނަމަކަށް ކިޔާ ޓަގު ބޯޓާ އެކު އެރޮން ނަމަކަށް ކިޔާ ބާޖެއްވެސް ފަރަށް އެރި ކަމަށެެވެ.

މި އުޅަނދުތައް ޖެހިގެން އައި ދުވަހު ފުންކުރުމާ އެކު އީޕީއޭގެ ޓީމެއް ވަނީ އޭގެ ހަތަރު ދުވަސް ފަހުން އެ ސަރަހައްދަށް ލިބުނު ގެއްލުން ބެލުމަށް ސާވޭ ކޮށްފަ އެވެ.

އީޕީއޭ އިން ބުނީ ޓަގު ފަރަށް އެރުމާ ގުޅިގެން 804 އަކަ މީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ބާޖު ފަރަށް އެރުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމަކަށް ނުބުނެ އެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ޓަގުގެ ވެރިފަރާތް ކަމަށްވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ 20 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. ޖޫރިމަނާކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.