ދުނިޔެ

އިޒުރޭލުގެ މަގުސަދަކީ އާބާދީއެއް ނައްތާލުން: ޕޫޓިން

އިޒުރޭލު ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރިކަމުގެ މަގުސަދަކީ އާބާދީއެއް ނައްތާލުން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ވިދާޅުވީ ފަލަސްތީންގެ ނަސްލު ނައްތާލަން ނިޔަތްގަނެގެން ތިބި ބަޔަކު ނޫނީ އެ ވަރުގެ ފަނާކުރަނިވި ހަމަލާތަކެއް މީހުން ދިރިއުޅޭ އެއްވެސް ސަރަހައްދަކަށް ނުދޭނެ ކަމަށެވެ.

ހަނގުރާމައެއްގައި ބައެއްގެ ބާރު ކަނޑުވާލުމަށް އަސްކަރީ މަރުކަޒަކަށް ހަމަލާދިނުމަކީ ހަނގުރާމަތަކުގެ އާދަކާދަ ކަމަށާއި އަސްކަރީ މަރުކަޒެއް ނެތް ތަނެއްގައި ހަނގުރާމަކުރާނަމަ ހަމަލާދޭން ޖެހޭނީ، ހަމަލާދޭ ބަޔަކަށް ކަމަށްވެސް ރަޝިއާގެ ރައީސް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ޣައްޒާގައި މިހާރު އެ ހިންގަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމެއް ކަމަށެވެ. ރަޝިއާ އަކީ އެއްވެސް އިރެއްގައި އެއްވެސް ޒާތެއްގެ ޓެރަރިސްޓް ހަރަކާތަކަށް ތާއީދުކުރާނެ ގައުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. ފަލަސްތީނަށް މެދުވެރިވެފައި އެ އޮތް ހާލަތުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމުގައި ރަޝިއާގެ އިޚުތިޔާރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ ފަލަސްތީންގެ މިނިވަން ދައުލަތަކަށް ރަޝިއާ ތާއީދުކުރުމުގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ވަކާލާތުވެސް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާ ހަނގުރާމަ ނުހުއްޓިގެން އެ އުޅެނީ އެމެރިކާގެ ސަބަބުން ކަމަށެވެ. ދުނިޔޭގެ ސިޔާސަތުގައި އެމެރިކާ އޮތީ ބޮޑު ފޭލިވުމަކުން ފޭލިވެފައި ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ވިދާޅުވި ގޮތުން އެމެރިކާއަށް ސުލްހައަށް ނުވާ ކަމެއްގައި ސުލްހަ ނޯންނަ ކަމަށެވެ. އެމެރިކާ ފިޔަވައި ހަނގުރާމައަށް ލޯބިކުރާ ބަޔަކު ދުނިޔޭގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. ފަލަސްތީނަށް ހަނޑުލާއި ހަކުރު އަދި ފުއް ބަސްތާތަކެއް ދިނުމަކުން ހަނގުރާމަ ހުއްޓުނީ ނޫން ކަމަށާއި ފަލަސްތީން މިނިވަންކޮށް ދައުލަތެއްގެ ބާރުދިނުމަށް އދ އިން މަސައްކަތް ފަށަންޖެހިފައި އޮތް ވަގުތު ފާއިތުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.