ސީރިޔާ ހަނގުރާމަ މެދުކަނޑާލި ފަހުން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ސީރިޔާގައި އިންސާނީ ހައްގުތަށް މޮނިޓާ ކުރަމުން އަންނަ ޖަމިއްޔާ، ސީރިޔަން އޮބްޒަވޭޓަރީ އޮފް ހިއުމަން ރައިޓްސް އިން ބުނެފިއެވެ.
މި ޖަމިއްޔާއިން ބުނީ ހަނގުރާމަ މެދުކަނޑާލިފަހުން މުޅި އެކު 135 މީހުން މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި 45 އިދިކޮޅު ހަނގުރާމަވެރިންނާއި 32 އާންމުން މަރުވެފައިވާ ކަމަށެވެ. އަދި މަރުވި އާންމުންގެ ތެރޭގައި ހަތް ކުޑަ ކުދިން ހިމެނޭ ކަމަށެވެ.
ހަނގުރާމަ މެދުކަނޑާލި ނަމަވެސް އެއްބައި ސަރަހައްދުތަކުގައި އަދިވެސް ހަނގުރާމަ ހިނގައެވެ. މި ހަނގުރާމައިގެ ތެރޭ ސީރިޔަގެ ރަސްމީ ލަޝްކަރުގެ 25 ސިފައިންނާއި ކުރުދީންގެ 27 ހަނގުރާމަވެރިން ވެސް މަރުވެފައި ވެއެވެ. ހަނގުރާމަ މެދުކަނޑާލަން އެއްބަސް ވި ސަރަހައްދުތަކުން ޖުމްލަ 135 މީހުން މަރުވެފައި ވާއިރު، އެއްބަސް ވުމުގައި ނުހިމެނޭ ސަރަހައްދުތަކުގައި ޖުމްލަ 500 އަށް ވުރް ގިނަ މީހުންވަނީ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަނގުރާމަ މުޅީން ނުކެނޑުނަސް، ސީރިޔާގެ މަސްރަަހަށް ބަލާލާއިރު ހަނގުރާމަ ވަނީ ވަރަށް ބޮޑުތަން މަޑުޖެހިފައެވެ. އޭގެ ސަބަބުން އދ. އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވެސް އެހީ ފޯރުކޮށެދޭން ވަރަށް ފަސޭހަވެފައެވެ.
ފަސް އަހަރުވެފައިވާ ސީރިޔާގެ އަހުލީ ހަނގުރާމައިގާ ދެ ލައްކައަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ހާލުގަ ޖެހިފައި އެބަތިއްބެވެ.