ޔޫރޯ 2024

ޔޫރޯއަށް ޖަރުމަނުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ

ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް (ޔޫރޯ)އަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުން ދަނީ ޓެރަރިޒަމް އާއި ސައިބާ ސެކިއުރިޓީ ފަދަ ގިނަ ނުރައްކާތަކާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި މުބާރާތާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް މިހާރުވެސް ވަނީ އެތައް ގުނައެއް މަތިކޮށްފަ އެވެ.

ޖަރުމަނުގެ ސަލާމަތީ ބާރުތަކުން ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ތަފާތު އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް އެ ގައުމުގެ ދާހިލީ ވަޒީރާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

"ގިނައަދަދެއްގެ މީހުން އެއްވާ ސަރަހަށްދުތަކުގައި ފުލުހުން ވަރުގަދައަށް ފޯރިމަރަމުން ގެންދާނެ. މައިގަނޑު ގޮތެއްގައި ކުރަމުންގެންދާނެ ކަމަކީ އެއީ. ޓެރަރިޒަމް އާއި ސައިބަ އެޓޭކްތަކުގެ މައުލޫމާތު ލިބެމުން އެބަދޭ. އެކުވެރި އެހެން ގައުމުތަކާއި ގުޅިގެން އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އެބަ ގެންދަން" ޖަރުމަނުގެ ދާހިލީ ވަޒީރު ނެންސީ ފިއޭސާ ވިދާޅުވި އެވެ.

ޖަރުމަނުގައި މިއަހަރު ކުރިއަށްދާ ޔޫރޯ މުބާރަތަކީ މިއީ 2006ގެ ވޯލްޑް ކަޕަށް ފަހުގައި ޖަރުމަނުން އިންތިޒާމުކޮށް ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މުބާރާތެވެ.