ފަލަސްތީން

އަގްސާ މިސްކިތް މިނިވަންކުރުމަކީ އިސްލާމީ އުންމަތަށް އޮތް ވާޖިބެއް

ފަލަސްތީންގެ އަލްއަގްސާ މިސްކިތް، މިނިވަންކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް މިއަދު ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

މާލޭގައި އިސްލާމީ މަރުކަޒުގައި މިއަދު ހުތުބާ ވިދާޅުވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މިއަދު އިއްވެވި ހުތުބާގެ މައުޟޫއަކީ "ފަލަސްތީނާ މެދު އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު" އެވެ.

ހުތުބާގައި ވިދާޅުވީ ފަލަސްތީންގެ ޣައްޒާއާއި ރަފަހާއި ފަލަސްތީންގެ އެ ނޫންވެސް އަވަށްތަކުގައި ސަހްޔޫނީން ހިންގަމުން ގެންދާ އުދުވާނީ އަމަލުތަކަކީ ފަލަސްތީންގެ ނަސްލު ނައްތާލުމަށްޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށެވެ. މި ހުރިހައި ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާފުގެ ހަމަތަކާއި މުޅީން ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.

ފަލަސްތީންގެ ބިންތަކުގައި ސަހްޔޫނީން ހިންގަމުންގެންދާ އުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށްވެސް ހުތުބާގައި ފާހަގަކުރައްވާފައިވެ އެވެ.

"ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއް ނެތި އެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އެތައް ބަޔަކު ވަނީ ނުކުޅެދޭ ބަޔަކަށް ވެފަ އެވެ. މި އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ގޮވާލަމެވެ،" ހުތުބާގައިވެ އެވެ.

ހުތުބާގައި ވަނީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ އަހްލާގީ ވާޖިބުތަކެއްވާ ކަން ހަނދާންކޮށްދީފަ އެވެ. ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުއާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅާލަންޖެހޭ ކަމަށްވެސް ހުތުބާގައި ވިދާޅުވި އެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަހްލާގީ އަދި ދީނީ ވާޖިބެކެވެ. މާތް اﷲއަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ،" ހުތުބާގައިވެ އެވެ.

ހުތުބާގައި ވަނީ ފަލަސްތީނާ އެ ގައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައިވާ ލޯތްބާއި، ހަމްދަރުދީއާއި، އުޚުއްވަތްތެރިކަން ބިންވަޅުނެގިފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. ފަލަސްތީނާ އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށްވެސް ވިދާޅުވި އެވެ.

ހުތުބާގައި ވިދާޅުވީ އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަގާފަތާއި އުންމަތުގެ ހަޟާރަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމަށެވެ. އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުސޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

"މުސްލިމުންގެ އަދަދު ކިތަންމެ ގިނަ ނަމަވެސް ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެތެވެ. މުސްލިމުންނަށް ނަސްރު ލިބުން އޮތީ އަގީދާ ވަރުގަދަކޮށް ހައްގު ގޮތުގައި اﷲ އަށް އީމާންވެ، ގުރުއާނާއި ސުންނަތުގައި ހިފައިގެންނެވެ. އެކުވެރިވެ އެއްބައިވަންތަވެގެންނެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެންނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެންނެވެ. މާތް اﷲ ވަހީކުރައްވާފައިވެ އެވެ،" ހުތުބާގައިވެ އެވެ.