ކުޅިވަރު

ސައުތު އޭޝިއަން ބޮޑީބިލްޑިން ފެޑަރޭޝަންގެ ރައީސްކަމަށް ދިވެއްސެއް

ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުކޮށްފި އެވެ.

އިއްބެ، ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރީ ރާއްޖޭގައި ހުކުރު ދުވަހު އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

ރާއްޖޭގައި މި ބައްދަލުވުން ބޭއްވީ މިހާރު ރާއްޖޭގައި ކުރިއަށްދާ 14 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ހަވާސާގެ ތެރެއިންނެވެ.

ރާއްޖޭގައި އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ބައްދަލުވުމުގައި ބޮޑީބިލްޑިންގެ ދުނިޔޭގައި އިސް ސަހުސިއްޔަތެއް ކަމަށްވާ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) އާއި އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަން (އޭބީބީއެފް)ގެ ރައީސް ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އިއްބެއަކީ ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިންވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ ބޭފުޅާ އެވެ.

އިއްބެ ވަނީ އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމުވެސް ފުރުއްވާފަ އެވެ. އަދި އިއްބެ ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބް ރައީސްގެ މަގާމަށްވެސް އިންތިހާބުވެވަޑައިގެންފަ އެވެ.