ޣައްޒާއަށް ވައްދާ ތެލަށް ހުރަސްއެޅުމަށް އޭނާގެ ސަޕޯޓަރުންނަށް އިޒުރޭލުގެ ނެޝަނަލް ސެކިއުރިޓީ ވަޒީރު އިތަމާރު މެންގަވީރު ގޮވާލައްވައިފި އެވެ.
އިންސާނީ އެހީގެ ގޮތުގައި ޣައްޒާއަށް ވައްދާ ތަކެއްޗަށް ހުރަސްއަޅައި މަދުކުރަންވެސް އޭނާ ގޮވާލެއްވި އެވެ.
ބެންގަވީރު ވިދާޅުވީ އިޒުރޭލުގެ އިދާރާތަކުންވެސް މިކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. ޣައްޒާއަށް ތެލާއި ކާބޯތަކެތި ވެއްދުމަށް އިޒުރޭލުގެ އިދާރާތަކުން ދޫކުރާ ހުއްދަތައް ހިފެހެއްޓުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ބެންގަވީރު ވިދާޅުވި ގޮތުގައި އިޒުރޭލުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނީ އިންސާނިއްޔަތުކަން ދައްކާ ބަޔަކަށެވެ. އިޒުރޭލާ މެދު އިހާނެތިކޮށް ހިތާ ބަޔަކަށް އަޅާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ތިން މަރުހަލާއަކަށް ބަހާލައިގެން ހަމަލާތައް ހުއްޓާލުމަށް އިޒުރޭލުން ހުށަހަޅާފައި އޮތް ކަމަށެވެ. އެއީ އެމެރިކާއަށް އެއްބަސް ވެވިދާނެ ހުށަހެޅުމެއް ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ހަމަލާތައްއ ހުއްޓާލައި، ރައްކާތެރިކަމާ އެކު އަސީރުން ބަދަލުކޮށް އަދި އިޒުރޭލު ސިފައިން ޣައްޒާއިން ފޭބުމަށް ތާއިދުކުރައްވާ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.
މެންގަވީރު ވިދާޅުވި ގޮތުގައި އިޒުރޭލު ސަރުކާރުން މިފަދަ އެއްބަސްވުމެއް ހަމާސްއާއެކު ހަދައިފިނަމަ ސަރުކާރު ރޫޅާލައްވާނެ ކަމަށެވެ.
ބެންގަވީރަކީ އިޒުރޭލުގައި ސަރުކާރެއް އުފެއްދުމަށް ބެންޖަމިން ނަތަންޔާހޫގެ ޕާޓީއާ އެކު އިއްތިހާދު ހެދި ޕާޓީއެއްގެ މެމްބަރެކެވެ. ސަރުކާރުގައި އިއްތިހާދުވެގެން ތިބި ޕާޓީތައް ސަރުކާރުން ވަކިވެއްޖެނަމަ ބޮޑުވަޒީރެއްގެ ހައިސިއްޔަތު ބެންޖަމިން ނަތަންޔާހޫއަށް ގެއްލިވަޑައިގަންނަވާނެ އެވެ.
ޣައްޒާ ހަނގުރާމަ ދިގުލައިގެންދާ މައިގަނޑު ސަބަބަކީ ހަމާސްގެ އަތްދަށުގައި ޔަހޫދީ އަސީރުން ތިބުމެވެ. އަސީރުން މިނިވަންކުރަންދެން ހަމަލާތައް ކުރިއަށް ދާނެ ކަމަށް ބެންޖަމިން ނަތަންޔާހޫވެސް ވަނީ ވިދާޅުވެފަ އެވެ.
އިޒުރޭލު ސިފައިން ޣައްޒާއަށް މިހާރު ދެމުން ގެންދާ އުދުވާނީ ހަމަލާތައް ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގަ އެވެ. ޔަހޫދީންގެ ހަމަލާތަކުގައި 36،700 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.