ޑރ. މުހައްމަދު މުއިއްޒު

ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދަކީ ދިވެހި ކަނޑުތައް: ރައީސް

ދިވެހިންގެ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދަކީ ދިވެހި ކަނޑުތައް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ގޮތުން ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތީ މުހިންމު ސަރަހައްދެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަނޑުތަކުގެ ގުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ހަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވާއިރު ދުނިޔޭ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެ ގޮތުން މަސް ރޭހަކާއި، ކުއިޒް މުބާރާތަކާއި، ކުރެހުމުގެ މުބާރާތަކާއި، "އެންމެން މޫދަށް" މި ނަމުގައި މޫދު ހަރަކާތެއް ބޭއްވުމާއި، މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމާއި، ޑިސްކަވާ ޑައިވް ހަރަކާތެއް ބޭއްވުމާއި އަދި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ފާހަގަކުރާ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.