ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ބައެއް ޝޭހުންގެ ސަބަބުން އިދާރާތަކުގެ އިތުބާރު ގެއްލޭ: ޝަހީމް

ބައެއް ޝޭހުންނާއި ދީނީ އިލްމުވެރިންގެ ސަބަބުން ރާއްޖޭގެ އިސްލާމީ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޒަކާތު ފަންޑުން ކޮށްފައިވާ ބައެއް ހަރަދާ މެދު ހިތްހަމަޖެހިވަޑައިނުގަތް ބައެއް ޝޭހުންނާއި ދީނީ އިލްމުވެރިން ސޯޝަލް މީޑިއާގައި ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ޒަކާތު ފަންޑުން ކޮށްފައިވާ ހަރަދުތަކަށް ފާޑުވިދާޅުވި އިލްމުވެރިންނާއި ޝައިހުންނަށް ރައްދު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ މޯލްޑިވްސް ޒަކާތު ހައުސްގެ ޕޭޖް ބަލާލުމުން އެތަނުން ކުރަމުންދާ މަސައްކަތް އެނގޭނެ ކަމަށެވެ.

"ޒަަކާތުގެ އެންމެ ލޯ ލާރިއެއްވެސް މިނިސްޓަރު ނުވަތަ އިސްލާމިކް މިނިސްޓްރީން ބޭނުންވާ ގޮތަކަށް ހަރަދެއް ނުކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ކައުންސިލެއް އޮންނަ ކަމަށާއި އެއީ ސަރުކާރުގެ މާލީ މުސާރަައަށް ހިމެނޭ ގޮތަށް އުފެދިފައި އޮންނަ ކައުންސިލެއް ކަމަށެވެ.

"އެތަންތަނުން މަންދޫބުން ތިބޭ. ހުރިހާ ކަމެއް އެތަނުން ފާސްވެގެން ނޫނީ އެއްވެސް ހަރަދެއް ނުކުރާނެ،" ޒަކާތު ފަންޑުން ކުރާ ހަރަދުތައް ކުރަނީ އޮންނަ އުސޫލުން ކަމަަށް ދޭހަވާގޮތަށް ޝަހީމް ވިދާޅުވި އެވެ.

ޒަކާތު ހައުސް އަކީ ދިވެހިން ފަހުރުވެރިވާނެ އިދާރާއަކަށް ވާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.