ދުނިޔެ

އީޔޫއަށް ޔުކްރޭން ހަނގުރާމަ 24 ގަޑިއިރު ތެރޭގައި ހުއްޓާލެވެން އެބައޮތް: އޯބަން

ހުޅަނގާއި ރަޝިއާއާ ދެމެދު ސީދާ ހަމަލާތަކެއް ދެންމެ ދެންމެ ފަށާފާނެހެން ހީފުޅުވެ ވަޑައިގަންނަވާ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ވިދާޅުވެއްޖެ އެވެ.

ރަޝިއާއާ އެކު ހަނގުރަމާއެއް ފެށުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ އޯބަން ވިދާޅުވީ ހުޅަނގުން ބޭނުންނަމަ ކުރިއަށް 24 ގަޑިއިރު ތެރޭގައިވެސް ރަޝިއާ އާއެކު ސުލްހަވެވިދާނެ ކަމަށެވެ. އެ ހިސާބުން ޔުކްރޭން ހަނގުރާމަވެސް ހުއްޓުނީ ކަމަށް އޯބަން ވިދާޅުވި އެވެ.

ރަޝިއާ އާއެކު ހަނގުރަމައެއް ނުފަށައި ހަމަޖެހެން އޮތް ހަމައެކަނި ގޮތަކީ ވެރިންގެ ގޮތުގައި އައްޔަންކުރާ މީހުންނަކީ ސުލްހައަށް ލޯބިކުރާ ބަޔަކަށް ވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވިކްތަރު އޯބަން މިހެން ވިދާޅުވިއިރު ޔޫރަޕިއަން ޕާލަމެންޓަށް މެމްބަރުން ހޮވުމަށް ނަގާ ވޯޓު މިހާރު ދަނީ ކުރިއަށެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިހާބުވެސް އޮތީ އަހަރުގެ ފަހުކޮޅަށް ތާވަލުކޮށް ބޯމަތިވެފަ އެވެ.

އޯބަން ވިދާޅުވީ ޔުކްރޭނަށް ބަރުހަތިޔާރާއި ދުރު ރާސްތާ ހަތިޔާރު އަދި ފައިޓަރު ޖެޓު ފޮނުވުން ފަދަ ވާހަކަތަކެއް ދައްކަނީ ހުޅަނގުން ރަޝިއާ އާއެކު ސީދާ ހަނގުރާމަކަށް ޝައުގުވެރިވާތީ ކަމަށެވެ.

އޯބަން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ 2022 ގައި ފަށައިގަތްއިރު، ހަނގުރާމަމަތީ ހަތިޔާރު ޔުކްރޭނަށް ދިނުމާ މެދު ޖަރުމަނުވެސް ދެކޮޅެވެ. ޖަރުމަނުން އޭރު ނިންމާފައި އޮތީ ހެލްމެޓް ކަހަލަ ސަލާމަތީ އާލާތްތައް ޔުކްރޭނަށް ދިނުން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އެކަމަކު އެއަށް ފަހު ޖަރުމަން ހިމެނޭ ގޮތުން ހުޅަނގުން ޒަމާނީ އެތައް ހަތިޔާރެއް ޔުކްރޭނަށް ފޯރުކޮށްދީފި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޯބަން ވިދާޅުވީ ހުޅަނގުގެ ވިސްނުން މިގޮތުގައި ކުރިއަށްދާނަމަ، ރަޝިއާއަށް ހަމަލާދޭން ފަސްނުޖެހޭނެ ކަމަށެވެ. ދެން އޮތް މަރުހަލާގައި އެމެރިކާ ސިފައިންނާއި ޔޫރަޕިއަން ޔޫނިއަންގެ ސިފައިން ޔުކްރޭނަށް ފޮނުވައި ރަޝިއާ އާއެކު ނުރައްކާތެރި ހަނގުރާމައެއް ފަށަންވެސް ހުޅަނގުން ޖެހިލުން ނުވާނެ ކަމަށް ބުނެވިދާނެ ކަމަށް އޯބަން ވިދާޅުވި އެވެ.