ޔޫރޯ 2024

ޔޫރޯ 2024: ފުޓްބޯޅައިގެ ތާރީހީ ރެކޯޑެއް ހެދުމަށް ރޮނާލްޑޯއަށް ރަނުގެ ފުރުސަތެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީހީ ރެކޯޑެއް ހެދުމަށް ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތު ފަހިވެގެން ހިނގައްޖެ އެވެ.

އެއީ ޔޫރޯ 2024 އަށް ނެގި ޕޯޗުގަލްގެ ސްކޮޑުގައި އޭނާ ހިމެނުމާއެކު، ރޮނާލްޑޯ ޔޫރޯގައި ކުޅެފިނަމަ އޭނާ ވެގެންދާނީ އެ މުބާރާތުގައި ހަ ފަހަރު ކުޅޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ފުރަތަމަ ޔޫރޯ ކުޅުނީ 2004 ވަނަ އަހަރު އެވެ.

އުމުރުން 39 އަހަރު ވެފައިވާ ރޮނާލްޑޯ، ޕޯޗުގަލްއާ އެކު ނުކުންނަ މިއީ 11 ވަނަ ބައިނަލްއަގްވާމީ މުބާރާތެވެ. ރޮނާލްޑޯ އަކީ ފިރިހެނުންގެ ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެގައުމަށް ކުޅުނު 206 މެޗުގައި ރޮނާލްޑޯ ވަނީ 128 ލަނޑު ޖަހައިފަ އެވެ.

ޕޯޗުގަލްއާ އެކު ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި، 2004 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ.

ޔޫރޯގައި ވާދަކުރާ ޕޯޗުގަލްގެ ކޯޗަކީ ރޮބާޓޯ މާޓިނޭޒް އެވެ. މާޓިނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ޕޯޗްގަލްގެ މިފަހަރުގެ ސްކޮޑަކީ ފޯވަޑުން ގިނަ، ތަޖުރިބާކާރު ޑިފެންޑަރުން ވެސް ހިމަނާފައިވާ 26 ކުޅުންތެރިންގެ ސްކޮޑެކެވެ.
ރޮނާލްޑޯއަކީ ޕޯޗުގަލްގެ ތާރީހުގައި ވެސް އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. އަދި މުޅި ދުނިޔެ ވެސް ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ.

ފަސް ބެލުންޑޯ އާއި ހަތަރު ރަން ބޫޓު ހޯދައިފައިވާ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ގިނަ ރެކޯޑުތަކެއް ދަމަހައްޓަމުންދާ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފުވެރި ރެކޯޑު ވެސް ދަމަހައްޓަމުން ދަނީ ހަމަ އޭނާ އެވެ.