ޔޫރޯ 2024 އަކީ ގިނަ ބަޔަކު ސަޕޯޓް ކުރާ މަގުބޫލު ތަރިންގެ ކެރިއަރުގައި ގައުމީ ޓީމަށް ކުޅޭނެ އެންމެ ފަހުގެ މުބާރާތަށް ވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. މިއަހަރުގެ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިންނާއި މަގުބޫލު ބައެއް ތަރިންގެ ހުނަރުވެރި މޮޅު ކުޅުމެއް ފެންނާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު ޖަރުމަނުގައި މަހެއްހާ ދުވަހުގެ މުއްދަތަށް ބާއްވާ މުބާރާތަކީވެސް 21 ވަނަ ގަރުނުގައި ފާހަގަކޮށްލެވޭ މޮޅެތި ބައެއް ފުޓްބޯޅަ ކުޅުންތެރިންން ފެނިގެންދާނެ އެންމެ ފަހުގެ ޔޫރޯ އެވެ. އަދި ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ކުޅެދޭނެ ފަހު ބައިނަލްއަގްވާމީ މުބާރާތެވެ. މިފަހަރުގެ ޔޫރާއަށްފަހު ދެން ނުފެންނާނެ ފާހަގަކޮށްލެވޭ ބައެއް ތަރިންނަށް މި ލިޔުން ހާއްސަކޮށްލާނަމެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ މުޅި ފުޓުބޯޅަ ތާރީހުގައިވެސް އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިއާ އެވެ. ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން އުމުރުން 39 އަހަރު ފުރިފައިވާ ރޮނާލްޑޯ އަކީ މުޅި ދުނިޔޭގައި ވެސް އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ.
އޭނާއަށް ސަޕޯޓުކުރާ އަދި އޭނާގެ ކުޅުން ބެލުމަށް ޝައުގުވެރިވާ އެތައް މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ. މިފަހަރުގެ ޔޫރޯ ވެގެންދާނީ ރޮނާލްޑޯގެ ފަހު ޔޫރޯ އަށެވެ.
ލޫކާ މޮޑްރިޗް
ލޫކާ މޮޑްރިޗް އަކީ ކްރޮއޭޝިއާގެ ފުޓުބޯޅަ ޓީމުގައި ހިމެނޭ އެޓީމުގެ މައި އިންޖީނެވެ. އެޓީމުގެ ކެޕްޓަން އަދި އެންމެ ހުނަރުވެރި ކުޅުންތެރިޔާ މޮޑްރިޗަށް ވެސް މިފަހަރުގެ ޔޫރޯއަކީ އެންމެ ފަހުގެ ޔޯރޯ އެވެ.
ރިއާލް މެޑްރިޑްގެ ތަރި މޮޑިރިޗް އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ ޝަރަފުވެސް ހޯދާފައިވާ ކުޅުންތެރިޔެކެވެ.
މޮޑްރިޗް އަންނަނީ ރިއާލްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމުރުން 38 އަހަރަށް ވުރެ މައްޗަށް ދިޔަ ނަމަވެސް ކްރޮއޭޝިއާ ޓީމުގައި އޭނާ ވައްޓާލެވޭނެ ކުޅުންތެރިޔަކު އަދިވެސް ނެތެވެ.
ޓޯނީ ކްރޫޒް
ޓޯނީ ކްރޫޒް އަކީ ބަޔާން މިއުނިކްގައި ވިދާލި ކުޅުންތެރިޔެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ރިއާލް މެޑްރިޑަށެވެ. ޓޯނީ ކްރޫޒަކީ ރިއާލްގެ މެދުތެރޭގެ މުހިއްމު އެއް ތަނބެވެ.
ޖަރުމަނު ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްރޫޒް ވަނީ ޖަރުމަނު ޓީމާ އެއްކޮށް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
އުމުރުން 34 އަހަރުގެ ކްރޫޒް މިސީޒަނަށްފަހު ރިއާލް ވެސް ދޫކޮށްލާނެ އެވެ. އަދި ގައުމީ ޓީމަށް ކުޅުމުގެ ވިސްނުން ވެސް ދޫކޮށްލަން ގަސްދު ކުރާ ކަމަށްވެސް ކްރޫޒް ބުނެފައިވެ އެވެ. މިއަހަރުގެ ޔޫރާއަކީ އޭނާއަށްވެސް އެންމެ ފަހުގެ ޔޫރޯ އެވެ.