ލުކާ މޮޑްރިޗް

މެސީގެ ވޯޓް ރޮނާލްޑޯއަށް!

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް، ގައުމީ ޓީމުގެ ކެޕްޓަނުންނާއި، ކޯޗުންނަށް ވޯޓް ދޭން ހުޅުވާލުމުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯޓް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފި އެވެ.

މިއީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި، މެސީގެ ވޯޓް ރޮނާލްޑޯއަށް ދިން ފުރަތަމަ ފަހަރެވެ. ފީފާގެ ވޯޓްގައި، ކޮންމެ ކެޕްޓަނަކަށްވެސް ތިން ކުޅުންތެރިންނަށް ވޯޓް ދެވެ އެވެ. އެއީ އެއްވަނަ އާއި ދެވަނަ އަދި ތިން ވަނަ ކެޓަގަރައިޒް ކުރުމަށް ފަހު އެވެ.

މެސީގެ ވޯޓްގައި އެއް ވަނަ އަށް ވޯޓް ދީފައި ވަނީ، މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔަ ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗަށެވެ. މެސީގެ ދެ ވަނަ ވޯޓް ދީފައި ވަނީ ޕީއެސްޖީގެ ފްރާންސްގެ ޒުވާން ތަރި ކިލިޔަން އެމްބާޕޭއަށެވެ. ރޮނާލްޑޯއަށް މެސީ ދީފައި ވަނީ ތިން ވަނަ އެވެ. މިފަހަރުގެ އެވޯޑްގެ ގަދަ ތިނަކަށް މެސީގެ ނަން ނޮމިނޭޓްވެފައެއް ނެތެވެ.

ފީފާގެ އެވޯޑަށް މެސީ ވޯޓް ދީފައިވާ ގޮތް

  • 2011 - ޒަވީ، އިނިއެސްޓާ، އަގުއޭރޯ
  • 2012 - އިނިއެސްޓާ، ޒަވީ، އަގުއޭރޯ
  • 2013 - އިނިއެސްޓާ، ޒަވީ، ނޭމާ
  • 2014 - ޑިމާރިއާ، އިނިއެސްޓާ، މެޝަރާނޯ
  • 2015 - ސުއަރޭޒް، ނޭމާ، އިނިއެސްޓާ
  • 2016 - ސުއަރޭޒް، ނޭމާ، އިނިއެސްޓާ
  • 2017 - ސުއަރޭޒް، އިނިއެސްޓާ، ނޭމާ
  • 2018 - މޮޑްރިޗް، އެމްބާޕޭ، ރޮނާލްޑޯ

މިފަހަރުގެ އެވޯޑްގައި މޮޑްރިޗަށް އެއް ވަނަ ދޭކަށް ރޮނާލްޑޯ ވޯޓެއް ނުދެ އެވެ. އޭނާ މޮޑްރިޗަށް ދިނީ، ދެ ވަނަ އެވެ. ރޮނާލްޑޯގެ ވޯޓްގައި އެއް ވަނަ ދީފައި ވަނީ، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފަޔަލް ވަރާން އަށެވެ. ތިން ވަނަ ވޯޓް ދިފައިވަނީ، އެތުލެޓިކޯ މެޑްރިޑްގެ އެންޓުއާން ގްރީޒްމަން އަށެވެ.

ކްރޮއޭޝިއާގެ ކެޕްޓަންގެ ހައިސިއްޔަތުން، މޮޑްރިޗް ދިން ވޯޓްގައި އޭނާވެސް ރޮނާލްޑޯއަށް ދިނީ ދެ ވަނަ އެވެ. އޭނާވެސް އެއް ވަނަ ދިނީ ވަރާން އަށެވެ. އޭނާވެސް ތިން ވަނަ ވޯޓް ދިނީ ގްރީޒްމަން އަށެވެ.

ސްޕެއިންގެ ކެޕްޓަން، ސާޖިއޯ ރާމޯސް، ވޯޓްގައި، އެއް ވަނައިގައި ވޯޓް ދިނީ، މޮޑްރިޗަށެވެ. ރޮނާލްޑޯއަށް އޭނާ ދިނީ ދެ ވަނަ އެވެ. ރާމޯސް ވަނީ އޭނާގެ ތިން ވަނަ ވޯޓް މެސީއަށް ދީފަ އެވެ.