ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައީ ބެލޮންޑީއޯ ޓްރޮފީ ދިނުން ފީފާއިން ހުއްޓާލައިފި އެވެ.
ބެލޮންޑީއޯ އަކީ ފްރާންސްގެ ފުޓްބޯޅަ މެގަޒިން އަކުން 1956 ވަނަ އަހަރުން ފެށިގެން ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ރަންބޯޅައެކެވެ. ނަމަވެސް ފީފާ އާއި ބެލެންޑީއޯއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް މިދިޔަ ފަސް އަހަރު ދެމުން އައީ ފީފާ އެވޯޑްގެ ބަދަލުގައި ބެލޮންޑީއޯ އެވެ. ސަސްޕެންޑްކޮށްފައިވާ ފީފާގެ ކުރީގެ ރައީސް ފީފާ އެވޯޑާއި ބެލޮންޑީއޯ އެއްކޮށްލީ ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާ އާއި ބެލޮންޑީއޯ ލިބޭ ކުޅުންތެރިޔާ ބައެއް އަހަރުތަކުގައި ތަފާތުވާން ވެސް ފެށުމުން އެކަމަށް ނިމުން ގެނައުމަށެވެ.
ނަމަވެސް ބެލޮންޑީއޯއާއެކު ވެފައިވާ އެއްބަސްވުން އުވާލިކަން އިއުލާނުކޮށް ފީފާއިން ވަނީ އެ ޖަމާއަތުން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް އާޓްރޮފީއެއް ދޭން ނިންމާފަ އެވެ. 1991 ވަނަ އަހަރުން ފެށިގެން 2009އާ ހަމައަށް ފީފާއިން ދީފައިވަނީ ތަފާތު ޓްރޮފީއެކެވެ.
އަދި މި ބަދަލާއެކު ފްރާންސް ފުޓްބޯޅަ މެގަޒިންއިން ވެސް ވަނީ ބެލޮންޑީއޯއިން ދިނުން ހުއްޓާނުލައި ކުރިއަށް ގެންދަން ނިންމައިފަ އެވެ. ނަމަވެސް ދެން މިކަން ކުރާނެ އުސޫލެއް އާއްމުކުރާނީ އަންނަ އަންގާރަ ދުވަހު އެވެ.
ފީފާއިން ބެލޮންޑީއޯ ދީފައިވާ ހަ އަހަރުގައި ހަތަރު ފަހަރު އެވޯޑް ގެންދިޔައީ ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީ އެވެ. އޭނާ އަކީ އެންމެ ފަހުން އަދި އެންމެ ގިނައިން މިއެވޯޑް ހޯދި ކުޅުންތެރިޔާ އެވެ. ފީފާއިން މިއެވޯޑް ދިން އަނެއް ދެ ފަހަރު އެވޯޑް ގެންދިޔައީ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.