ބޭރު ކުޅިވަރު

މޮޅު ކުޅުންތެރިއަކީ ކާކު؟ ރޮނާލްޑޯ އާއި މެސީ އުއްމީދެއްގައި

ހުސްވި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މިރޭ ފީފާއިން އިއުލާނުކުރާނެ އެވެ. މި ފަހަރު މި މަގާމަށް ވާދަކުރަނީ ހުސްވި ހަތް އަހަރު އެވޯޑް ގެންދިޔަ ދެ ކުޅުންތެރިންނާއި ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ކެޕްޓަން ނޭމާ ސަންޓޯސް އެވެ. ދެންތިބި ދެ ކުޅުންތެރިންގެ ތެރެއިން ރެއާލް މެޑްރިޑުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ކުރީ ދެ އަހަރާއި 2008 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ އެވެ. މެސީ އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު އެވޯޑް ހޯދައި ރެކޯޑް ހަދާފައިވާ ކުޅުންތެރިޔާ އެވެ. މިހެންވެ ކޮންމެ މީހަކަށް ލިބުނަސް އެމީހަކު ތާރީހުގެ ތެރެއަށް ވަންނާނެ އެވެ.

1- ލަޔޮނަލް މެސީ

އަނިޔާގައި ހޭދަކުރި ދުވަސްތަކަކަށް ފަހު މެސީ ވަނީ މިދިޔަ އަހަރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެނިޝް ލީގުގައި 43 ގޯލު ޖަހައި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލި އެވެ. އޭނާގެ މޮޅު ކުޅުމާއެކު ސްޕެނިޝް ކަޕާއި ސްޕެނިޝް ލީގު އަދި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ސުޕަ ކަޕް އަދި ދުނިޔޭގެ ކުލަބު ވޯލްޑް ކަޕް ބާސެލޯނާ އަށް ހޯދައިދިނެވެ. އާޖެންޓިނާ ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ގެންގޮސްދިނެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވުމުން އެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގަބޫލުނުކުރި ނަމަވެސް ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. މިހެންވެ މި ފަހަރަކީ އަނެއްކާ ވެސް މެސީގެ އަހަރެއް ކަމަށް އޭނާގެ ވާދަވެރިން ވެސް ޔަގީންކުރެ އެވެ. އުމުރުން 28 އަހަރުގެ މެސީ އަށް އެވޯޑް ލިބިއްޖެނަމަ މި އެވޯޑް ފަސް ވަނަ ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށް އޭނާ ވެގެންދާނެ އެވެ.

2- ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލް މެޑްރިޑަށް ތައްޓެއް ނުލިބުނު ނަމަވެސް ރޮނާލްޑޯ ވަނީ މިދިޔަ އަހަރު ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދި އެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހޯދި އެވެ. ޖުމުލަ 48 ގޯލާއެކު ލީގުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާ އެވެ. އޭނާގެ އެކަނި މަސައްކަތުން ކަހަލަ ގޮތަކަށް ޕޯޗުގަލް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިކޮށްދިނެވެ. މިހެންވެ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެވޯޑް ހޯދައިގެން މެސީއާ އަރާ ހަމަކުރަން ރޮނާލްޑޯ ހުރީ އުއްމީދެއްގަ އެވެ. އުމުރުން މިހާރު 30 އަހަރުގެ ރޮނާލްޑޯ ވަނީ މިދިޔަ ދެ އަހަރާއި 2008 ވަނަ އަހަރު ވެސް މި މަގާމު ހާސިލްކޮށްފަ އެވެ.

3. ނޭމާ ސަންޓޯސް

ސީޒަނުގެ ކުރީކޮޅު މެސީ އަނިޔާގައި ހުރުމުން ބާސެލޯނާގެ ހަމަލާތައް ލީޑްކުރި ކުޅުންތެރިއަކީ ނޭމާ އެވެ. މުޅި ސީޒަނުގައި ބާސެލޯނާއިން ތިން ވަނަ އަށް އެންމެ ގިނައިން ކުޅުވި ކުޅުންތެރިއަކީ ވެސް 23 އަހަރުގެ ނޭމާ އެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި 51 މެޗު ކުޅެ 39 ގޯލު ޖަހާފަ އެވެ. ބާސެލޯނާ އަށް ސީޒަނުގެ ތިން ތަށި ވެސް ކާމިޔާބުކޮށްދޭން އޭނާ މޮޅަށް ކުޅުނުއިރު ސުޕަ ކަޕުގައި ނަތީޖާ ބަދަލުކޮށްލީ ވެސް އޭނާ އެވެ. މެސީ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަށް ނޭމާ އެދޭ އިރު އޭނާގެ އުއްމީދަކީ ރޮނާލްޑޯ އަށްވުރެ ކުރިން ދެ ވަނަ މަގާމު ހާސިލްކުރުމެވެ.