ލުކާ މޮޑްރިޗް

10 އަހަރުގެ ތާރީހް ބަދަލު ކުރީ މޮޑްރިޗް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމުގެ ކުރިން، އެ އެވޯޑް އެންމެ ފަހުން ހޯދީ، ބްރެޒިލްގެ މިޑްފީލްޑަރު ކަކާ އެވެ. އެއީ މީގެ 11 އަހަރު ކުރިންނެވެ. އޭގެ ފަހުން މިދިޔަ 10 އަހަރު، އެވޯޑް ގެންދިޔައީ، ރޮނާލްޑޯ އާއި މެސީ އެވެ. ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ފަސް ފަހަރު އެ އެވޯޑް ހޯދާފަ އެވެ.

މިދިޔަ 10 އަހަރަކީ، ފީފާގެ އެވޯޑް ހަފުލާތަކުގެ ސްޓޭޖު ތިން ވަނަ ކުޅުންތެރިޔަކަށް ފުރުސަތު ނުލިބުނު އަހަރުތަކެވެ. ދިގަ އަހަރު ފަހުން، އެކަމަށް ނިމުން ގެނައީ، ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗެވެ. ރޭ ބޭއްވި ފީފާގެ 'ދަ ބެސްޓް' އެވޯޑް ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗް ގެންދިއުމުން އޭނާ އަށް ވަނީ އާ ތާރީހެއް އުފެއްދިފަ އެވެ.

މޮޑްރިޗް އެވޯޑް ގެންދިޔައީ، މިދިޔަ ސީޒަންގައި އޭނާއާއެކު ރެއާލް މެޑްރިޑަށް ކުޅުނު ރޮނާލްޑޯ އާއި ލިވަޕޫލްގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ތަރި މުހައްމަދު ސަލާހް އާ ވާދަ ކޮށެވެ. ރޮނާލްޑޯ ވަނީ މިދިޔަ ދެ އަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. މިއަހަރުގެ ގަދަ ތިން ވަނަ އަށް މެސީގެ ނަން ނޮމިނޭޓް ވެފައެއް ނުވެ އެވެ. މިއީ މިދިޔަ 11 އަހަރު ތެރޭގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް މެސީ ނޮމިނޭޓް ނުވި ފުރަތަމަ ފަހަރެވެ.

މޮޑްރިޗް އެވޯޑް ހޯދުމުން ހާމަވެގެން ދިޔަ އެންމެ މުހިންމު ކަމަކީ، މެސީ އާއި ރޮނާލްޑޯގެ ޑޮމިނެންސް ފުރަތަމަ ފަހަރަށް ނިމުމަކަށް އައިކަމެވެ. މިދިޔަ ހަތް ވަރަކަށް އަހަރަކީ، ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އަހަރު ތަކެވެ. ދެ ކުޅުންތެރިން ކުޅުމުން ދިޔައީ އެންމެ ވާދަވެރި ދެ ކުލަބަށެވެ. ނަަމަވެސް މި ސީޒަންގައި އެކަން ވެސް ބަދަލުވެ، ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ވާދަވެރި ކޮމްބިނޭޝްގެ ދެނަން ވަނީ ފަނޑުވެފަ އެވެ. ރޮނާލްޑޯ ވަނީ، ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.

މޮޑްރިޗަށް އެވޯޑް ލިބުމުގައި އެންމެ ބޮޑަށް މަގުފަހިވީ، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް ހޯދައިދިނުމަށްޓަކައި އޭނާ ދެއްކި މޮޅު ކުޅުމާއި، ވޯލްޑްކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސް ދިނުމަށް އޭނާ ދެއްކި މޮޅު ކުޅުމުންނެވެ. ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީވެސް މޮޑްރިޗެވެ. އޭގެ ފަހުން އޭނާ ވަނީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ.