ލުކާ މޮޑްރިޗް

މޮޑްރިޗް: ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ

މިދިޔަ ދެ އަހަރު ޔޫަރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، މިދިޔަ ސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ މުހައްމަދު ސަލާހް އާ ވާދަކޮށް މި އަހަރު ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިންގެ އެވޯޑް ކޮރޮއޭޝިއާގެ ލުކަ މޮޑްރިޗް ހޯދައިފި އެވެ.

ޔޫއެފްއާ އެވޯޑް ތިން ފަހަރަށް ހޯދި، ރޮނާލްޑޯ އާ ވާދަ ކޮށް މޮޑްރިޗް ހޯދިއިރު، އޭނާ ވަނީ ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑްވެސް ހޯދާފަ އެވެ.

މި އަހަރުގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ ގަދަ ތިނަކަށް މަޝްހޫރު ލިއޮނަލް މެސީ ނޮމިނޭޓް ވެފައެއް ނުވެ އެވެ. އޭނާ ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރަށް ހޯދާފަ އެވެ.

މޮޑްރިޗަށް އެވޯޑް ލިބުމުގައި އެންމެ ބޮޑަށް މަގުފަހިވީ، މިޑްފީލްޑްގައި އޭނާގެ ހާއްސަ ކްލާސް އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. މިދިޔަ ވޯލްޑްކަޕުގައި ކޮރޮއޭޝިއާ ފައިނަލަށް ގެންގޮސް ދިނުމުގައި އޭނާ މުހިންމު ދަުރެއް އަދާ ކުރި އެވެ. ވޯލްޑްކަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އެނާ އެވެ.

މިފަހަރުގެ އެވޯޑް ހަފުލާގައިވެސް އެންމެ ގިނަ އެވޯޑް ގެންދިޔައީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ ރޮނާލްޑޯ އެވެ. އަދި އެންމެ މޮޅު ލަނޑަކަށް ހޮވުނީ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އޭނާގެ މިހާރުގެ ކުލަބު ޔުވެންޓަސް ކޮޅަށް ބައިސްކަލް ކިކަކުން އޭނާ ޖެހި ލަނޑެވެ. ނަމަވެސް މިރޭގެ އެވޯޑް ހަފުލާއަށް ރޮނާލްޑޯ ހާޒިރު ނުވެ އެވެ.

އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރޯމޯސް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ރެއާލްގެ ގޯލް ކީޕަރު ކޭލޯ ނާވަސް އެވެ.

ޔޫއެފްއާގެ އެވޯޑަށް ވޯޓް ދޭނީ، ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގައި ވާދަ ކުރާ 80 ޓީމުގެ ކޯޗުންނެވެ. އެއްވެސް ކޯޗަކަށް އޭނާގެ ޓީމުގެ ކުޅުންތެރިޔަކަށް ވޯޓެއް ނުދެވޭނެ އެވެ. ދެން ހިމެނެނީ ޔޫރަޕިއަން ސްޕޯޓްސް މީޑިއާ ގުރޫޕުން ކަނޑައަޅާ 55 ނޫސްވެރިންގެ ވޯޓެވެ. އެއީ ޔޫއެފްއާގެ ކޮންމެ ގައުމަކުން ނޫސްވެރިއެކެވެ.