ސާބުންގެ ލަޝްކަރު ނިކުމެ ހިންގަން ފެށި ގަތުލްއާންމާއެކު، ކުރީގެ ޔޫގޮސްލޭވިއާ ސަރަހައްދުގައި ހަނގުރާމައިގެ ވިހަ ފެތުރިގެން ދިޔަ އެވެ. އާއިލާތައް ބިކަވެ، ކުޑަކުދިންތައް ރެފިއުޖީންނަށް ވެގެން ދިޔަ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ، ފްރާންސް ފުޓްބޯލްއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 'ބެލަންޑޯ އެވޯޑް' ރޭ ހޯދި ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗެވެ.
މޮޑްރިޗްގެ އަސްލަކީ ކުރީގެ ޔޫގޮސްލޭވިއާގެ ޒަޑަރު އެވެ. ހަނގުރާމައިގެ ހޫނުގަނޑުގެ ތެރޭގައި، ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާގެ އާއިލާއާ އެކު، ދިރިއުޅުން ބަދަލު ކުރީ، ކޮރޭޝިއާގެ ސަރަހައްދަށެވެ. ދިރިއުޅުނު ވަޒަން ބަދަލު ކުރުމަކުން އޭނާގެ އާއިލައަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮރޭޝިއާ މިނިވަން ވުމަށް، ހަނގުރާމަ ކުރެވުނު ވަގުތު އޭނާގެ އާއިލާ ދިރިއުޅުނީ ޖިފްޓިގަނޑެއްގަ އެވެ. ހަނގުރާމައިގެ ތެރޭގައި މޮޑްރިޗްގެ ކާފަ އޭނާ އާ ވަކިވެ، އެ އާއިލާއަށް ތަހަންމަލު ނުކުރެވޭ ވަރުގެ ބޮޑު ނިކަމެތި ކެމެއް ލިބިގެން ދިޔަ އެވެ. ކޮރޭޝިއަން ސާބް ސިފައިން ނިކުމެ މޮޑްރިޗްގެ އާއިލާ ދިރިއުޅު ގެ އަންދާލި އެވެ.
ބެލަންޑޯ އެވޯޑްގެ ކާމިޔާބަކީ، މޮޑްރިޗްގެ އެ ހިތްދަތި ހަނދާންތަކަށް ލިބިގެން ދިޔަ ތަސައްލީ އެކެވެ. ބެލަންޑޯ އެވޯޑް މޮޑްރިޗް ހޯދުމުން، އޭނާ އަށް ހާއްސަ ޝަރަފެއް ލިބިގެން ހިނގައްޖެ އެވެ. އެއީ މީގެ ކުރިން އެ އެވޯޑް ހޯދި އެހެން އެއްވެސް ކުޅުންތެރިޔަކަށް ނުލިބި އޮތް ޝަރަފެކެވެ. މި އަހަރު އޭނާ ނިންމާލަނީ، ފަރުދީ ހައިސިއްޔަތުން ކުޅުންތެރިޔަކު ހޯދާނެ ހުރިހާ އެވޯޑެއް ހޯދުމަށް ފަހު އެވެ.
ރަޝިއާގައި، މި އަހަރު ބޭއްވި ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ އޭނާ އެވެ. އަދި މިއަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާ ހޯދި އެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 'ދަ ބެސްޓް އެވޯޑް' ހޯދި އެވެ. ރޭ އެ އުފުލާލީ ބެލަންޑޯ އެވޯޑެވެ.
މޮޑްރިޗަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ އެވޯޑް އެއް އަހަރު ތެރޭ އުފުލާލި ހަތަރު ވަނަ ކުޅުންތިޔާ އެވެ، އެ ލިސްޓްގައި ދެން ހިމެނެނީ 1966 ވަނަ އަހަރު އެވޯޑް ހޯދި، އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން، 1974 ވަނަ އަހަރު އެވޯޑް ހޯދި ހޮލެންޑްގެ ލެޖެންޑް ޔޯހާން ކްރައިފް، 1982 ވަނަ އަހަރު އެވޯޑް ހޯދި، އިޓަލީގެ ލެޖެންޑް ޕައޮލޯ ރޮސީ އެވެ.
އޭނާގެ، އެވޯޑް ހާއްސަވާ އަނެއް ސަބަބަކީ، ވޭތުވެދިޔަ 10 އަހަރު ވަންދެން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ދަމަހައްޓަމުން އައި ޑޮމިނެންސަށް ނިމުން ގެނައުމެވެ. ރޮނާލްޑޯ އާއި މެސީގެ ކުރިން، އެންމެ ފަހުން ބެލަންޑޯ އެވޯޑް ހޯދި ކުޅުންތެރިޔަކީ 2007 ވަނަ އަހަރު އެ އެވޯޑް ހޯދި ބްރެޒިލްގެ ރިކާޑޯ ކަކާ އެވެ. އޭގެ ފަހުން މި ވޭތުވެދިޔަ 10 އަހަރު އެ އެވޯޑް ގެންގޮސްފައި ވަނީ މެސީ ނުވަތަ ރޮނާލްޑޯ އެވެ. ކޮންމެ ކުޅުންތެރިޔަކު ފަސް ފަހަރު އެވޯޑް ހާސިލު ކުރި އެވެ.
ބެލަންޑޯ އެވޯޑް، މޮޑްރިޗް ހޯދީ، ރޮނާލްޑޯ އާއި އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޯނިއޯ ގްރީޒްމަން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ރޮނާލްޑޯއަށް ލިބުނީ ދެ ވަނަ އެވެ. ގްރީޒްމަން އަށް ތިން ވަނަ އެވެ.
"މިއީ ގަބޫލުވެސް ކުރަން ދަތިވި ކަމެއް،" މިއަހަރުގެ ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް އުފުލާލަދީ، ކްރޮއޭޝިއާ ވޯލްޑްކަޕު ފައިނަލަށް ގެންގޮސްދިން މޮޑްރިޗް ބުންޏެވެ. "މި ތާންގައި އެހެން ކުޅުންތެރިންނާއެކު ހުންނަން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް.
ފްރާންސް ފުޓްބޯލްއިން އަލަށް ތާރަފު ކުރި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް 'ކޮޕާ އެވޯޑް' ހޯދީ ވޯލްޑްކަޕު ފްރާންސަށް ހޯދައިދން އުމުރުން 19 އަހަރުގެ ފޯވަޑް ކިލިޔަން އެމްބާޕޭ އެވެ. ބެލަންޑޯ އެވޯޑްގައި އޭނާ ވަނީ މެސީއަށް ވުރެ ކުރި ހޯދާފަ އެވެ. އޭނާ އަކީ ހަތަރު ވަނަ އެވެ. މެސީއަށް ފަސް ވަނަ އެވެ. މިދިޔަ ސީޒަންގައި ލިވަޕޫލްގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އަށް ލިބުނީ ހަ ވަނަ އެވެ.
ބެލަންޑޯގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ނޯވޭ ފޯވަޑް އާޑާ ހާބާގް އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ޔޫއެފާ އަންހެން ޗެމްޕިއަންސް ލީގް ފްރާންސްގެ ލިޔޯންއަށް ހޯދައި ދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެންމެ އަންހެން ކުޅުންތެރިޔާގެ އެވޯޑް ފްރާންސް ފުޓްބޯލްއިން ހޮވީ މުޅިން އަލަށެވެ.
ބެލަންޑޯގެ ގަދަ 10
- 1. ލުކަ މޮޑްރިޗް (ރެއާލް މެޑްރިޑް، ކޮރޮއޭޝިއާ)
- 2. ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް، ޕޯޗްގަލް)
- 3. އެންޓްއާން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް، ފްރާންސް)
- 4. ކިލިޔަން އެމްބާޕޭ (ޕީއެސްޖީ، ފްރާންސް)
- 5. ލިއޮނަލް މެސީ (ބާސެލޯނާ، އާޖެންޓީނާ)
- 6. މުހައްމަދު ސަލާހް (ލިވަޕޫލް، މިސްރު)
- 7. ރަފޭލް ވަރާން (ރެއާލް މެޑްރިޑް، ފްރާންސް)
- 8. އެޑެން ހަޒާޑް (ޗެލްސީ، ބެލްޖިއަމް)
- 9. ކެވިން ޑި ބްރޭނޭ (މެންޗެސްޓާ ސިޓީ، ބެލްޖިއަމް)
- 10. ހެރީ ކޭން (ޓޮޓެންހަމް، އިންގްލެންޑް)