ފުވައްމުލަކު ސިޓީ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓާ ޖެނެރަލް ފާހަގަކުރައްވައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން، ރަށު ޕިކަޕެއް ހޯދުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓަ ޖެނެރަލް މިދިޔަ ހަފްތާގައި ފާހަގަކުރައްވާފައިވަނީ، 2022 ވަނަ އަހަރުގެ ފުވައްމުލަކު ސިޓީ ކައުންސިލްގެ މާލީ އޮޑިޓް ރިޕޯޓް ގައެވެ.
މި ރިޕޯޓް، އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުވައްމަލުކު ސިޓީ ކައުންސިލްގެ އިދާރާއަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ގަނެފައިވަނީ 227،900 ރުފިޔާއަށެވެ. މިއީ ރާއްޖޭގެ ބާޒާރުގައިވެސް 33،000 ރުފިޔާއަށް ލިބެން ހުރި އެއްޗެއްކަން އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން ފުވައްމުލަކު ސިޓީ ކައުންސިލުން ރަށު ޕިކަޕެއް ގަނެފައިވަނީ ބާޒާރުން ލިބެން ހުރި އަގަށްވުރެ 194،000 ރުފިޔާ ބޮޑުކޮށްކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މި ރަށު ޕިކަޕް ހޯދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ނޫންކަން އޮޑިޓް ރިޕޯޓްގައިވެ އެވެ.
ރަށު ޕިކަޕް ގަނެފައިވަނީ ކޮރަލް ހޯލްޑިންސް އެންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ފައިސާ ދީގެން ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. މި ޕިކަޕް ހޯދުމަށް ކުރި އިއުލާނުގައި ސައްހަ މައުލޫމާތު ހިމަނާފައި ނުވާކަން އޮޑިޓަ ޖެނެރަލް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން، ރަށު ޕިކަޕް ހުންނަންވާނީ އެއާކޮންޑިޝަންކޮށްފައި ކަމަށާއި، ރެއާ ކެމެރާ، އޯޑިއޯ ޕްލޭޔަރު، ޔޫއެސްބީ އަދި ރޭޑިއޯ ސަޕޯޓް ފަދަ ކަންކަން ސްޕެސިފިކޭޝަންގައި ހިމަނާފައިވާކަން އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.
ރަށު ޕިކަޕް ހޯދަން ކުރި އިއުލާނަށް އިޖާބަދިނީ އެންމެ ފަރާތެއް ކަމަށާއި، އެ ފަރާތުންވެސް ސަޕްލައިކޮށްފައިވަނީ 1000 ކިލޯގެ ބެޓެރި ޕިކަޕް ޓްރަކެއްކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައިވެ އެވެ. އެ އުޅަނދާ ކައުންސިލުން ހަވާލުވެފައިވާ ކަމަށާއި، އަދި އޮޑިޓް ކުރެވުމާ ހަމައަށްވެސް އެ އުޅަނދު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތް ކަންވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
ބޮޑެތި މައްސަލަތަކެއް މި ޕިކަޕްގެ ކަންތައްތަކުގައި ހުއްޓާ، މި ޕިކަޕަށް ކައުންސިލުން ވަނީ ކޮންޓްރެކްޓަރަށް އެއްކޮށް ފައިސާ ދައްކާފަ އެވެ. މިކަމުގައި މާލިއްޔަތު ގަވައިދުގައި ބަޔާންކުރާ ފަދަ ހުއްދަ ނޫން އަމަލެއް ކޮށްފައިވާކަން ފާހަގަކޮށް، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށްވެސް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.