އިޒްރޭލުގެ ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން ހުއްޓުވަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެއްވެސް މީހަކު އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި އޭނާ ވިދާޅުވީ ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ރޭވިގެން ހިންގާ ގަތުލްއާންމެއްކަން ދުނިޔެ ބަލައިގަންނަ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރާއްޖެއިންވެސް ބައިނަލްއަގުވާމީ ފެންވަރުގައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ހަރުދަނާ "ފެން ހިފޭނެ" ފިޔަވަޅެއް އެޅުމުގެ ބޭނުމުގައި ކަމަށް މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ވަނީ އިޒްރޭލު ޕާސްޕޯޓާއެކު އެހެން ޕާސްޕޯޓް އޮންނަ މީހުންވެސް ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ.
ގާނޫނަށް އެ ގޮތަށް އިސްލާހު ހުށަހެޅުމުން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން އިޒްރޭލުގައި ފަލަސްތީނު ދަރިކޮޅުގެ 1.2 މިލިއަނެއްހާ މީހުން ދިރިއުޅޭއިރު މި އިސްލާހުގެ ސަބަބުން މިމީހުންވެސް ރާއްޖެއަސް އެތެރެވުމަށް ދަތިތަކެއް ދިމާވާނެ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މާއްދާ މީގައި މި ހިމަނަނީ، މި ބިލް އަޅުގަނޑުމެން މި ހުށަހަޅަނީ ވަކި މަގުސަދެއްގައި. އެ މަގުސަދު ހާސިލެއް ނުވޭ ޑުއެލް ސިޓިޒަންޝިޕް އޮންނަ ފަރާތްތައް ރާއްޖެ އެތެރެވުން މަނާކުރުން ހުއްޓުވުން މި މާއްދާގައި މިހެން ނެތުމުން މި ބިލްގެ މަގުސަދު ހާސިލެއް ނުވޭ،" މީކާއީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ބިލް ހުށަހެޅީ ވަކި މަގުސަދެއްގައި ކަމަށާއި އެއީ އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވާ މީހުން ބަލައިނުގަންނަކަން ހާމަކުރުމަށް ކަމަށެވެ.