ހަބަރު

ތުލުސްދޫގެ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ހިޔާނާތުގެ ދައުވާ ކުރަނީ

ޕްރައިވެޓް ކުންފުންޏެއްގެ އެންޓަނާއެއް ޖަހަން ބިމެއް ކުއްޔަށްދޭން ކައުންސިލުން ނިންމާފައި ވަނިކޮށް އަމިއްލަ ގޭގައި އެ އެންޓަނާ ޖެހި މައްސަލައެއްގައި ކ. ތުލުސްދޫގެ ކުރީގެ ކައުންސިލް ރައީސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ތުލުސްދޫގެ ކުރީގެ ކައުންސިލް ރައީސް އަކަށް ހުންނެވީ ޔޫޝައު ޖަމީލް ކިޔާ ބޭފުޅެކެވެ.

އޭސީސީޏް ބުނީ، 2012 ވަނަ އަހަރުގެ ޖުލައި މަހު ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ޕްރައިވެޓް ކުންފުންޏެއްގެ އެންޓަނާ ޖަހާނެ ބިމެއް އެފަރާތަށް ކުއްޔަށްދޭން ތުލުސްދޫ ކައުންސިލަރުންގެ ބައްދަލުވުމަކުން ނިންމާފައިވަނިކޮށް، ކައުންސިލް ރައީސްގެ ގޭގައި އެ އެންޓަނާ ޖެހި މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީހުން، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ އަމިއްލައަށް ހޯދަން ކައުންސިލްގެ ރައީސް މަސައްކަތް ކުރިކަން ސާބިތުވާ ކަމަށެވެ.

އެންޓަނާއެއް ޖެހުމަށް ބިމެއް ހޯދަން ޕްރައިވެޓް ކުންފުންޏަކުން ކައުންސިލްގެ އިދާރާއަށް ފޮނުވި ސިޓީއަކާ ގުޅިގެން ބޭޢްވި ކައުންސިލް ބައްދަލުވުމެއްގައި އެ ކުންފުންޏަށް ބިމެއްދޭން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން އެއްބަސްވި ކަމަށް އޭސީސީން ބުންޏެވެ. އަދި ބުނީ، އެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންފައި ވާތީ އަމިއްލަ ގޭގައި އެންޓަނާ ޖެހީ، ދައުލަތަށް ފައިދާވާގޮތަށް އެ ކުންފުންޏާއި ކައުންސިލާ ދެމެދު ކުރެވެން އޮތް މުއާމަލާތެއްގެ މަލޫމާތު އެނގިހުރެ، އެ ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ އަމިއްލައަށް ހޯދަން ކަމަށް ތަހުގީގު މައުލޫމާތުން ސާބިތުވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ފައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.