އިންޑިއާގެ އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެ ގައުމުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ޖައިޝަންކަރު މިހެން ވިދާޅުވީ ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް އިންޑިއާއަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއާއި އިންޑިއާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މޯދީގެ ވެރިކަމުގެ ދެވަނަ ދައުރުގައި އޭރުވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވީ ޑރ. ޖައިޝަންކަރެވެ. މޯދީގެ ވެރިކަމުގެ ތިންވަނަ ދައުރުގައިވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޖައިޝަންކަރެވެ.
ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހުވެސް ޖައިޝަންކަރު ވިދާޅުވި ރައީސް މުއިއްޒުއާ އެކު ހަރުދަނާ ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖައިޝަންކަރުގެ އިތުރުން އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫ އަދި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސްގެ މުއިއްޒުގެ މިދަތުރުފުޅަކީ އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.