ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް އިންސާފު ހޯދައިދެވޭނީ ސުޕްރީމް ކޯޓަށް: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަލައި އިންސާފުވެރި ހުކުމެއް ނެރެދެއްވޭނީ ސުޕްރީމް ކޯޓުން ކަމަށް މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދުގެ ގާނޫނީ ވަ ވަކީލުން މިއަދު ސުޕްރީމް ކޯޓްގެ ޝަރީއަތުގައި ބުނެފި އެވެ.

ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އިންސާފިވެރިކޮށް ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބަލަން ނިމުމުން، އެ ނިންމުން ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ސްޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމާފަ އެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން 15 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

ނަޝީދުގެ ފަރާތުން ފާހަގަކުރި ބައެއް ކަންތައްތައް:

  • ނަޝީދުގެ މައްސަލަ ކުއްލިއަކަށް ބަދަލުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފަިއވަނީ އޭރުގެ ޕީޖީ މުހުތާޒަށް ނުފޫޒު ފޯރުވައިގެން ކަމަށް
  • ދައުވާކުރީ ގާނޫނާ ހިލާފަށް ކަމަށް
  • ނަޝީދުގައި ބަންދުގައި ބެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް
  • ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާކަން
  • ފަނޑިޔާރުންގެ ބެންޗުގައި މަސްލަހަތު ފުށުއަރާ ފަނޑިޔާރުން ތިއްބެވިކަން
  • އޭރުގެ ޕީޖީ މުހުތާޒުގެ ވެސް މަސްލަހަތު ނަޝީދުގެ މައްސަލާގައި އޮތްކަން

ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ، ޕީޖީ މުހުތާޒަށް ނުފޫޒު ފޯރުވައިގެންކަން ކަށަވަރު ކޮށްދިނުމަށް މުހުތާޒު ކޯޓަށް ހާޒިރުކޮށްދެއްވުމަށް ނަޝީދުގެ ވަކީލުން ވަނީ އެދިލައްވާފަ އެވެ.

މީގެ ކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ނުކުތާތައް:

  • ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ދިޔަ ޖަވާބުދާރީވެ، މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަން ކަށަވަރުކޮށްދިނުން
  • ރައީސް ނަޝީދު އެދިލައްވާ ވަކީލުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން
  • ރައީސް ނަޝީދުގެ މައްސަލަ ބެލި ކޯޓާއި ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުކޮށްދިނުން
  • ދައުވާ ހުށަހަޅާ ފަރާތުން ހުށަހަޅާ ހެއްކާއި ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން

މި މައްސަލާގައި ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލައި ދިނުމަށާއި އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގަން ޖެހިއްޖެނަމަ ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅައިދިނުމަށެވެ.