ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށެވެ. މިރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ މިނިސްޓަރުންވެސް ހުވާ ކުރައްވާފައިވެ އެވެ.
ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.