ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޓޫޑެންޓް ލޯނު ލިބޭ ކުދިންގެ ލިސްޓް ހާމަކޮށްފި

މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ސްކީމުން ލޯން ހަމަޖެހުނު މީހުންގެ ނަންތައް އިއުލާންކޮށްފި އެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި 1،709 ފޯމު ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުން ކުރިން ލޯން ދޭ ގޮތަށް ހަމަޖައްސާފައި އޮތީ ޝަރުތު ހަމަވާ 500 ދަރިވަރަކަށެވެ. ނަމަވެސް ފަހުން ފަހުން ސަރުކާރުން ވަނީ ލޯނަށް ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ލޯން ދޫކުރުމަށް ނިންމާފަ އެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓަށް ބަލާއިރު ލޯނަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 1،153 މީހުންނެވެ. މި އަހަރުގެ ލޯނު ސްކީމުން މިހާތަނަށް "ސެލެކްޓް" ވެފައިވާ ދަރިވަރުންގެ އަދަދަކީ 1،015 އެވެ. މި ދަރިވަރުންނަށް މިމަހުގެ 13 ވަނަ ދުވަހު ލޯނަށް ހޮވުނު ކަމުގެ "ސްޕޮންސަ ލެޓަ" ދިނުމަށް ވަނީ ނިންމާފަ އެވެ.

ލޯނަށް ޝަރުތު ހަމަވި ދަރިވަރުންގެ ތެރެއިން ޕައިލެޓްކަން ކިޔަވަން ކުރިމަތިލި މީހުންގެ ޖާގަތަކެއް މިވަގުތަށް ވަނީ ހިފަހައްޓާފަ އެވެ. އެ މީހުންގެ ޖާގަތަކެއް މިވަގުތަށް ހިފަހައްޓާފައިވަނީ ޕައިލެޓް ކަން ކިޔަވައިގެން އައިސް ރާއްޖެއިން ވަޒީފާގެ ފުރުސަތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އުޅޭތީވެ އެފަދަ މީހުން އެހެން ދާއިރާއަކުން ކިޔެވުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ކުރިމަތިލި މީހުންނަށް "މައިއެޑިއު" ޕޯޓަލް މެދުވެރިކޮށް ޝަރުތު ހަމަވާކަން ނުވަތަ ޝަރުތު ހަމަނުވާކަން ސަބަބާއެކު އެނގޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 25 ވަނަަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.