ފަލަސްތީން

ފަލަސްތީނަށް އެހީވުމަށް ޕީއެންސީގެ މެންބަރުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަށް ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ މެންބަރުންގެ ފަރާތުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް "ފަލަސްތީނާ އެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ޕީއެންސީގެ މެންބަރުން ފައިސާ ހަދިޔާ ކުރީ ޓީވީއެމްގެ ސްޓޫޑިއޯއަށް ވަޑައިގެންނެވެ.

ޕީއެންސީގެ މެންބަރުންގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މެންބަރުންގެ ފަރާތުން ފައިސާ ހަވާލުކުރެއްވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ ފަލަސްތީން މައްސަލަ އަކީ ދިވެހިންގެ ހިތާ ގުޅިފައިވާ އަދި ދިވެހިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލަ އެކެވެ.

އަބްދުއްރަހީމް ވަނީ ވީހާވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށްވެސް އެދިވަޑައިގެންފަ އެވެ.

ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 އަށެވެ.

ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވެސް ވަނީ ބަހައްޓާފަ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯން ކުރިއަށް ގެންދަނީ މިކަމުގައި ބައިވެރިވާން ބޭނުންވާ ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދީގެންނެވެ.