ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

"ޖަޒީރާ" ޓެލެގްރާމް ޗެނަލް ހިންގި މީހުންނަށް ދައުވާކޮށްފި

ޖިނާއީ ބޮޑެތި ކުށްތައް ހިންގުމަށް "ޖަޒީރާ"ގެ ނަމުގައި ޓެލެގްރާމް ޗެނަލްތަކެއް ހަދައިގެން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މި ތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

މިމައްސަލައިގައި މިދިޔަ މާޗް ހަވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ދެމަފިރިން ކަމަށްވާ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެފަހުން މިދިޔަ މާޗް 30 ވަނަ ދުވަހު ހައްޔަރުކުރީ އުމރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ތިން މީހުންގެ ތެރެއިން އެއް ފިރިހެނެއްގެ މައްޗަށް މަނީލޯންޑަރިންނާއި ހަށިވިއްކުމަށް އެހީތެރިވެދީފައިވާތީ ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. ބާކީ ތިބި ދެ މީހުންގެ މައްޗަށްވެސް މަނީލޯންޑަރިންނާއި މަސްތުވާތަކެތި ބޭނުންކުރަން ހިތްވަރުދީފައިވާތީ ހަތަރު ދައުވާ އެއް ކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން ވަނީ މި ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9.5 މިލިއަން ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުގައި އެދިފައިވެ އެވެ.

މިމައްސަލައިގައި ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ މި މީހުން ކުށްކުރުމަށް ބޭނުންކުރި "ޖަޒީރާ" ޓެލެގްރާމު ޗެނަލްގައި މެންބަރުންގެ ގޮތުގައި 7،000 މީހުން ތިބި ކަމަށެވެ.