ސްރީލަންކާ

ލަންކާގައި އެޗްއައިވީ ޖެހުނު ކަމަށް ބުނާ ދަރިވަރަށް ޖާގަ ނުދެވޭނެ: މިނިސްޓަރު

ސްރީލަންކާގައި އެޗްއައިވީ ޖެހިފައި ކަމަށް ޝައްކުކުރެވިގެން ސުކޫލުން ވަކިކޮށްފައިވާ ދަރިވަރަށް އާއްމު ސްކޫލަކުން ޖާގަ ނުދެވޭނެ ކަމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކަރިޔަވާސަމް ވިދާޅުވެއްޖެ އެވެ. އުމުރުން ފަސް އަހަރުގެ ރީހާން ދިލްޝަރާގެ އިތުރު ޓެސްޓުތަކެއް ހަދަން އޭނާ ވަކި ހާއްސަ ތަނެއްގައި ބަހައްޓަން ކޯޓު އަމުރެއް ހޯދާނެ ކަމަށް ވެސް އަކިލާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަކިލާ މިހެން ވިދާޅުވިއިރު ލަންކާގެ ރައީސް މައިތުޕާލާ ސިިރިސޭނާ ވަނީ ރީހާން އަށް އާއްމު ސްކޫލަކުން ޖާގަ ހޯދައިދޭނެ ކަމުގެ ޔަގީންކަން ރީހާންގެ މަންމަ ޗާންދަނީ ދި ސޮއިޒާ އަށް އަރުވާފަ އެވެ.

"މި ކުއްޖާ ސްކޫލަށް ވައްދަން ގިނަ ބަޔަކު ދެކޮޅު ހަދަނީ މި މައްސަލަ ގިނަ މީހުންނަށް ރަނގަޅަށް ސާފުނުވާތީ،" ރައީސް ސިރިސޭނާ ވިދާޅުވި އެވެ.

އަކިލާ ވިދާޅުވީ ރީހާން އަށް އެޗްއައިވީ ޖެހިފައިވާ ކަމަށާއި އޭނާގެ ބައްޕަވެސް މަރުވީ އެބަލީގައި ކަމަށާއި އާއްމުންގެ ގިނަ ބަޔަކު ހުށަހަޅާ ކަންތައްތަކަށް ބީރު ކަންފަތެއް ނުދެވޭނެ ކަމަށެވެ.

މިމައްސަލަ މިހާރުވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މި މައްސަލައިގެ އެއް އަޑުއެހުން ބާއްވާފައިވާއިރު ދެވަނަ އަޑުއެހުން މިހަފްތާގެ ތެރޭގައި ބާއްވަން ވަނީ ތާވަލް ކޮށްފަ އެވެ.