ރެއާލް މެޑްރިޑް

ރެއާލުން އުނބަށް ޖަހައިފި

ކްލަބް ވޯލްޑް ކަޕުން ލިބެނީ ވަރަށް މަދު އަދަދެއްގެ ފައިސާ ކަމަށް ބުނެ މީގެ ކުރިން ރިއާލް މެޑްރިޑުން ވަނީ ކްލަބް ފުޓުބޯޅަ މުބާރާތުގައި އެ ކްލަބުން ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ކްލަބް ވޯލްޑް ކަޕްގައި ބައިވެރި ނުވާން ރެއާލް އިން ނިންމީ މުޅި މުބާރާތުން ލިބެނީ އެންމެ 20 މިލިއަން ޔޫރޯ ކަމަށް ބުނެ އެވެ.

ރިއާލްގެ ކޯޗު އެންޗެލޯޓީ ބުނެފައިވަނީ ރިއާލް އިން އެންމެ މެޗެއް ކުޅެގެން 20 މިލިއަން ޔޫރޯ ހޯދާނެ ކަމަށާއި ކްލަބު ވޯލްޑް ކަޕުން ދެނީ މާ މަދު އަދަދެއްގެ ފައިސާ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އެހެން ނަމަވެސް ރާގު މުޅިން ބަދަލުވެ ރެއާލް އިން ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާން މިހާރު ވަނީ ނިންމާފަ އެވެ. ރެއާލް މެޑްރިޑުން ނެރުނު ބާޔާނެއްގައި އެ ކްލަބުން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފަ އެވެ.

އެމެރިކާގައި މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 އިން ޖުލައި 13، 2025ގެ ނިޔަލަށެވެ.

ރެއާލް ހިމެނޭހެން ޔޫރަޕްގެ 12 ކްލަބެއް މިމުބާރާތަށް ކޮލިފައިވެފައިވެ އެވެ. ޖުމުލަ 32 ކްލަބު ދުނިޔޭގެ އެކި ސަރަހައްދު ތަކުން މި މުބާރާތް ކުޅޭނެ އެވެ.

ރެއާލްގެ ކުރީގެ ނިންމުމާ ގުޅިގެން މީޑިއާގެ ފާޑުކިޔުންތައް އެކްލަބަށާއި ކޯޗަށް އަމާޒުވި ވެއެވެ. ފަހުން އެންޗެލޮޓީ ވެސް އެއީ ނުބުނާ ވާހަކަތަކަކަށް ހަދަން މަސައްކަތް ކޮށްފައި ވެއެވެ.

އެންޗޮލޮޓީއަށް އަމަޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ބުނެފައިވަނީ އޭނާ ދެއްކި ވާހަކަތަކުގެ މާނަ މީޑިއާ އިން އޮޅުވާލަން މަސައްކަތް ކުރި ކަމަށެވެ.