މާލެ އާއި ވިލިމާލޭގައި އަޟްހާ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދިރާގާއި މާލެ ސިޓީ ކައުންސިލް ޕާޓްނަރަކަށް ވެއްޖެ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރެއް އީދު ދުވަހު -- ޖޫން 16ގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާނެ އެވެ.
އެގޮތުން ކުޑަކުދިންގެ ހަވީރުގައި އާކިމިޑީސްއާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެވެ.
މީގެ އިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިރާގު އީދު ބޮނޑިބަތް ކުރިއަށްދާނީ އީދު ނަމާދަށްފަހު މާލެ އާއި ވިލިމާލޭގެ އާޓިފިޝަލް ބީޗުގައެވެ. މިއީ ދިރާގު އީދު ބޮނޑިބަތް ވިލިމާލޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ދިރިއުޅުން މުއްސަނދިވާ ފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.