މާލޭ ސިޓީ ކައުންސިލް

ބޮޑު އީދަށް ކުލަބޮކިތަކާއި ގިޑިގެ ތަކުން މާލެ ދިއްލާލަނީ

ބޮޑު އީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފި އެވެ.

އީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެކަމަށް ހާއްސަ ޕްލޭނެއް އޮތް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ބޮޑު އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެއާ އެކު 2،224 ބޮކި ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ބޮޑު އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް އީދު ފާހަގަކުރުމުގެ މަސައްކަތް ކުރި ނަމަވެސް މީގެކުރީގެ ކައުންސިލް ތަކުން މިފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ.

މާލޭގެ މަގުތައް ބޮޑު އީދަށް ޒީނަތްތެރިކުރުން ވެގެންދާނީ މާލެ ސިޓީ ކައުންސިލްގެ މަގުތައް ޒީނަތްތެރި ކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.