ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖޭގެ އިސްތިގުލާލަށް އިހްތިރާމްކުރާނަން: ޗައިނާ

ރާއްޖޭގެ އިސްތިގުލާލަށް އިހްތިރާމްކޮށް، ރާއްޖެއިން އެދޭ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގައި ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާގެ ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބަޓީ، މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ބަޓީ ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ ޒަމާންވީ ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށެވެ. ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިގްލާލަށް އިހްތިރާމްކޮށް، އެކި ކަންކަމުގައި ރާއްޖެއަށް އެއްބާރުލުން ދީ، ދެ ގައުމުގެ ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް ، ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ބަޓީ ވަނީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ހޯދާފައިވާތީ ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

ބަޓީ ވިދާޅުވީ ޗައިނާގެ ރައީސް 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިއަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ އެމަނިކުފާނުކަން ފާހަގަކުރައްވައި، އެ ފުރުސަތު ދެއްވިކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މުހިއްމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއާ ގުޅޭގޮތުންވެސް ރައީސް ވާހަކަ ދެއްކެވި އެވެ.